އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ، މި މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގައިދިނުމަށް އެދި، ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
އިއްޔެ ސޮއިކުރަން ފެށި މި ޕެޓިޝަނުގައި މިހާތަނަށް 6300 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު، މި ޕެޓިޝަނުގައިވަނީ މި މައްސަލައިގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. މި މައްސަލައިގައި އެންެމ ފުރަތަމަ މިއީ އެކްސިޑެންޓެއްކަމުގައި ބުނެފައިވީ ނަމަވެސް މިހާރު މި މައްސަލައިގައި އިހުމާލުތަކެއްވާކަމުގެ ހެކިތައް އެބަހުރިކަމަށެވެ. މި މައްސަލައިގައި ކަމާއި ގުޅުން ހުރި ފަރާތްތަކުން ތަހުގީގުކުރުމުގައި ނާކާމިބުވެފައިވާއިރު މައްސަލައިގައި ހަގީގަތް ސިއްރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މި ޕެޓިޝަނުގައި ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ސަރުކާރުގައި ބާރުގަދަ ފަރާތްތަކެއް ޝާމިލުވާކަމާއިރު މައްސަލައިގެ ހަގީގަތް ފޮރުވުމަށް މަސައްކަތްކުރަމުންދާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
ޔުމްނު އަށްމިވަގުތު ހޮސްޕިޓަލުގައި، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު އޭނާއަށް ވާހަކަ ނުދެއްކޭ ކަަމށާއި، ސިކުނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް މި ޕެޓިޝަނުގައި ވަނީ ބުނެފައެވެ.އަދި އޭނާ ވެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން މިކަމުގެ ހަގީގަތް ހާމަނުވާ ގޮތަށް އޭނައަށް 'ގެއްލުމެއް' ދިނުމަށް މަސައްކަތް ކޮށްފާނެކަމުގެ ބިރު ބޮޑުވެފައިވާކަމަށް ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހޮސްޕިޓަލުގައި އޭނާގެ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ހުރި ކަމަށާއި، އޭނާގެ އާއިލާއަށް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ސަޕޯޓް ދިނުމަށް އިންކާރު ކުރަމުންދާ ކަމަށް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ޕެޓިޝަނުގައި އދ.އިން މި މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށާއި ސީސީޓީވީ ފޫޓޭޖްތަކާއި، ހޮސްޕިޓަލުގައި އޭނާ ފަހުން ފަރުވާ ދިނުމުގައި އަމަލުކުރަމުންދާ ގޮތް ބެލުމުގެ އިތުރުން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކުން ހާލަތު މޮނިޓާކޮށް، މި ހާލަތުގައި އިންސާފު ހޯދައި ދިނުމަށް ބާރު އެޅުމަށް ވަނީ ގޮވާލާފައެވެ. އަދި މި މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގަނައުމަށް މި ޕެޓިޝަނުގައި ގޮވާލާފައިވެއެވެ.