މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

21 އަހަރު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން އެ ރޭ އޭނާއާއެކު އުޅުނު 8 މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

މި 8 މީހުންގެ ތެރޭގައި ހިމެނެނީ:

  • ރައުދު އަހްމަދު ޒިލާލް، ގ. އެރިޔަދޫ (21އ)
  • އާއިޝަތު ލަޔާލީ އިގްބާލް، ގ. ނޯތުބްރީޒް (22އ)
  • އާމިނަތު ޖުނައިނާ ޖަމްޝީދު، ހ. ތިލަފަޅު (24 އ)
  • އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގޭ ދެކުނުގެ (28އ)
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒް (28އ)
  • ހުސައިން ހަމީސް އަލީ، ނ. ވެލިދޫ (28އ)
  • އިޖާޒް ޖާއިޒް، މާތޮޑާއަވަށް، އޭޕްރީލް، ގދ. ފަރެސްމާތޮޑާ (24އ)
  • ޔޫސުފް އަހްމަދު އަކްރަމް، މއ. މާންދޫގެ ދެކުނުގެ (24އ)

ލަޔާލީ މެލޭޝިއާއަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ އިރުއޮއްސި 6:20 ހާއިރު ފުލުހުން ވަނީ ރައުދު ހައްޔަރުކޮށްފައެވެ. ރައުދަކީ ޔުމްނުއާއެކު އޭނާ ވެއްޓުނު ގޭގައި ހަރަކާތްތެރިވި ޒުވާނާކަން ފާހަގަކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ރައުދާއި، ޔުމްނު ހިމެނޭހެން 7 ފަރާތެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި މައްސަލައާއި ގުޅިގެން މާންދޫގެ ޓެރެސްއާއި 2 ވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގެ 3 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.