ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އިތުބާރު ގާއިމުކުރުމުގައި މައުލޫމާތު ހިއްސާކުރާ މިންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ އިތުބާރު ގާއިމުކުރުމަށްޓަކައި ރައްޔިތުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި އަވަހަށް މައުލޫމާތު ހިއްސާކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އެގޮތުން މައްސަލައެއް ބަލަން ފަށާ ހިސާބުން ފުރަތަމަ ވެސް ރައްޔިތުންނަށް އެ މައުލޫމާތެއް ހިއްސާކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ދެފުށް ފެންނަ ގޮތެއްގައި މައުލޫމާތު ގެނަސްދިނުމުން ރައްޔިތުންނަށް ވެސް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ފުލުހުންގެ ޒިންމާދާރު މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އަދި ސިޔާސީ ބޭނުންތަކަށާއި އެކިއެކި ބޭނުންތަކަށް ނަހަމަ މައުލޫމާތު ފެތުރުން ދުރުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ރައްޔިތުންނާ ގާތްކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް އެދިވަޑައިގެންފައެވެ.

ގާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ޒިންމާއަދާކުރަންޖެހޭ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންގެ ތެރޭގައި ފުލުހުންނާމެދު އޮންނަ އިތުބާރު ވަރުގަދަކޮށް ދަމަހައްޓައި ކުރިއެރުވުމަށް ކޮށްދޭންޖެހޭ ކޮންމެ މަސައްކަތެއް، ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ އެމަނިކުފާނުގެ ފަހުރެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލެއްވެވިއެވެ. އެގޮތުން ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގައުމުގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ފުލުހުންގެ ފުރިހަމަ ހިދުމަތް ރައްޔިތުންނަށް ދެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.