މިހާރު މި ހިނގައިގެން އުޅޭ ހިތާމެރި ހާދިސާއަށް ވިސްނާލާއިރު، މި ކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ މީގެ އަހަރުތަކެއް ކުރިން ބިރަކާނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާއަށް އިޝާރަތް ކުރައްވާ ރައީސް މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި އިންތަކާއި މިންތަކާއި އުސޫލުތަކާއި ހަމަތައް އެއީ މާ މުހިންމު ކަމެއް ނޫން ކަމަށާއި މަޖާކޮށް ޒުވާން އުމުރުގައި ބޭނުން ގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރު ދިން މީހުން މިކަމުގެ ޒިންމާ ނަގަންޖެހޭ ކަމަށް ރައޯސް ވަނީ ވިދާޅުވެފައެވެ. އަދި އެ މީހުން ސިޔާސީ ބޭނުމެއްގައި ނުކުމެ އެ ކުދިން "މިސްޔޫސް" ކުރަމުންދާ ދިޔުމާމެދު ލޯ ހުޅުވާ ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ފެނިގެން ދަނީ ދިވެހި ޒުވާނުން ސިޔާސީ އޮއެވަރެއްގައި ޖައްސައިގެން މި ގައުމުގައި އޮތް އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ރީތި އާދަތަކުން ބޭރަށް ނެރެ އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެ ކަމުގެ ޝިކާރައަކަށްވެފައި ތިބި ޒުވާނުންތަކެއް ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ރައްޔިތުން ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަކީ އެއަށްވުރެ ލޯ ހުޅުވިފައިވާ ތެދާއި ދޮގު ވަކިކުރެވޭ ބަޔަކަށް ވާންވާނެ ކަމަށާއި ޖޯޝުގައި ޖެހިގެން ބަޔަކު ދައްކާހާ ވާހަކައެއްގެ ތެރެއަށް ސިކުނޑި ދޫކޮށްލާ ބަޔަކަށް ނުވުމަށް ރައީސް ވަނީ ގޮވާލާފައެވެ. އަދި އަމިއްލަ ސިކުނޑިން ވިސްނުމަށާއި ކާކުކަން ނޭނގެން މީހުން ފަތުރާ ދޮގު ވާހަކަތަކުގައި ޖެހި އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި ނުވުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.
ރައީސް ވިދާޅުވީ "މާތް ﷲ ދެއްވާ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ އޮތް އޮޕްޝަނެއް ނޫން، އެއީ ޗޮއިސްއެއް ނޫން، އެއީ ޒިންމާއެއް، އެއީ ވާޖިބެއް" ކަމަށެވެ.