އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދާދޭން ގޮވާލާ މިރޭ ވެސް އިހުތިޖާޖު ކުރަމުން އެބަދެއެވެ.
21 އަހަރުގެ ހައްވާ ޔުމްނު ރަޝީދާ އިމާރާތުން ވެއްޓުނީ މިދިޔަ ހުކުރު ދުވަހުއެވެ. ހާދިސާއަށް 6 ދުވަސް ފާއިތުވެފައިވީ ނަމަވެސް މައްސަލައާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް ފުލުހުން އަޅާފައި ނުވާ ކަމަށާއި އަދި އެ މައްސަލަ ތުހުމަތުވާ މީހުން ހައްޔަރު ނުކުރާ ކަމަށް ބުނެ ރޭ ވަނީ ގިނަ ބަޔަކު ހެންވޭރު ޕޮލިސް ސަރަހައްދަށް ޖަމާވެ ޔުމްނުއަށް އިންސާފު ހޯދާ ދިނުމަށް ގޮވާލާ އަޑު އުފުލާފައެވެ.
އެ ޒުވާނުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމުގެ ތުހުމަތުގެ އިތުރުން މި ކޭސްގައި ބައިވަރު ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ. ރޭ ދަންވަރު އިހުތިޖާޖު ނިންމާލީ މިރޭ ވެސް އެ ހަރަކާތް ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
މިރޭގެ އިހުތިޖާޖުގައި ވެސް ބައިވެރިން ގޮވާލަމުންދަނީ ޔުމްނު އަށް އިންސާފު ހޯދާދިނުމަށެވެ. ޔުމްނުއަށް އިންސާފު ނުލިބެނީސް އެ މީހުން އިހުތިޖާޖު ކުރުން ހުއްޓާ ނުލާނެ ކަމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ބުނަމުންނެވެ.
ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އިތުރުން އެކި މުއައްސަސާތަކަށް ކުރެވޭ ތުހުމަތު ތަކާއެކު މިއަދު ހެނދުނު ވަނީ ފުލުހުންގެ ހާއްސަ ނިއުސް ކޮންފަރެންސެއް ވެސް ބާއްވާފައެވެ. އެ ނޫސްވެރިންގެ ބައްދަލުުވުމެއްގައި ވަނީ ހާދިސާގެ ކުރިން ހ. ފެންޓެނޯއީ ގޭގައި ޔުމްނު އާއި އޭނާއާ އެކު ހުރި ރައުދު އަހުމަދު ޒިލާލްގެ ހަރަކާތްތައް ފެންނަ ވީޑިއޯތައް އާންމުކޮށްފަ އެވެ.
އަދި ހަމައެހެންމެ އެ ހާދިސާ ހިނގުމުގެ ކުރިން އެމީހުންނާ އެކު އުޅުނު ހަތް މީހެއްގެ ޕާސްޕޯޓު ހިފަހައްޓާ، އިތުރު ފަސް މީހެއްގެ ފޯނު ހިފަހައްޓާފައި ވެއެވެ. އެ ހާދިސާއާ ގުޅިގެން ދެ ގެއެއް ބަލާ ފާސްކުރުމުގެ އިތުރުން މިރޭގެ ވަގުތެއްގައި ރައުދު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.
މި ހާދިސާއާ ގުލީގެން މިއަދު ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ އިރު، މި މައްސަލައިގައި ފުލުހުންނަށް އަމާޒުވެފައިވާ ތުހުމަތުތަކާއި ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފުރިހަމަ ތަހުގީގެއް ހިންގުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ މި ހާދިސާއާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށާއި ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމާ ސުވާލުކުރަން ހުށަހަޅާފައެވެ.