ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރް އިބްރާހިމްގެ ދައުވަތަކަށް ރައީސް މުއިއްޒު މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ ރައީސް ޑރ. މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ދުވަސްވީ، ގާތް އަދި އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާތައް ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި މެލޭޝިއާގެ ޕްރައިމް މިނިސްޓަރާއި ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމާއި، ސަރަހައްދީ އަދި ދުނިޔޭގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓްރީ އިން ބާއްވާ ވިޔަފާރި ފޯރަމެއްގައި ބައިވެރިވެ ވަޑައިގަންނަވާ، މެލޭޝިއާގެ އިސް އިންވެސްޓަރުންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވާ، އެތަނުގައި ހާއްސަ ލެކްޗާއެއް ދެއްވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ މި ދަތުުފުޅުގައި ރައީސް މުއިއްޒު މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލު ކުރައްވާނެކަމަށާއި، މިއީ ބޭރުގައި ދިރިއުޅޭ ދިވެހިންގެ ދުޅަހެޔޮކަމާއި މަސްލަހަތުތަކަށް ރައީސް ދެއްވާ އަހައްމިއްޔަތުކަން ދޭހަވެގެންދާ ކަމެއް ކަމަށެވެ. އަދި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއައްވާ، އެ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.