ފުރާޅަށް އަންހެނަކު ވެއްޓުނު ހާދިސާގައި ހިމެނޭ 8 މީހުންގެ ތެރޭގައި ހިމެނެނީ 2 އަންހެނަކާއި 6 ފިރިހެނުން ކަމަށް ބުނެ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑިމައްޗަށް ވާ ގޮތަށް ހުންނަ ދެ ދޮރުގެ ފެންލައިޓަކުން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާއަކީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ކ. މާލެ، ގ. ރަނައުރާގެއާގެއެވެ.
މިހާދިސާގައި ހިމެނޭ 8 މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެނުންނަކީ އުމުރުން 22 އަހަރުގެ އާއިޝަތު ލަޔާލީ އިގްބާލް، ގ. ނޯތުބްރީޒް، ކ. މާލެ އާއި އުމުރުން 24 އަހަރުގެ އާމިނަތު ޖުނައިނާ ޖަމްޝީދު، ހ. ތިލަފަޅެވެ. މި ހާދިސާގައި 6 ފިރިހެނުން ހިމެނޭ އިރު އަންހެންމީހާ އާ އެކީގައި އެ އިމާރާތުގެ ތެރޭގައި އުޅުނު ކަމަށް ފުލުހުން ބުނާ ފަރާތަކީ އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް، ގ އެރިޔަދުއެވެ.
ދެން ތިބި ފިރިހެނުންގެ ތެރޭގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުން ވަކިކުރި އުމުރުން 28 އަހަރުގެ އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގޭ ދެކުނުގެ ހިމެނެއެވެ.
މީގެ އިތުރުން އުމުރުން 28 އަހަރުގެ ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒް އާއި އުމުރުން 28 އަހަރުގެ، ހުސައިން ހަމީސް އަލީ، ނ. ވެލިދޫ، އަލި އާއި އުމުރުން 24 އަހަރުގެ އިޖާޒް ޖާއިޒް، މާތޮޑާއަވަށް، އޭޕްރީލް، ގދ. ފަރެސްމާތޮޑާ އަދި އުމުރުން 22 އަހަރުގެ ޔޫސުފް އަހްމަދު އަކްރަމް، މއ. މާންދޫގެ ދެކުނުގެ ހިމެނެއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ގޮތުގައި މި މީހުންގެ ޕާސްޕޯޓް ވަނީ ހިފައްހަޓާފައެވެ. އެހެންކަމުން އެމީހުންނަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށް ފުލުހުން ބުނެއެވެ. މިހާރު ކުރަމުންދާ ތަހުގީގުގައި އެމީހުން ދިޔަ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
މި މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު، ރައުދުގެ ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 12:30 ހާއިރު 8 މީހަކު މާލޭގެ މެދެއްހާ ހިސާބުގައި ހުރި ގެއަކުން ނިކުމެގެން ދާ އިރު، އެތަނުން 4 މީހުން ގޮސް ވަންނަނީ އަމީނީ މަގުގައި ހުންނަ ގެއަކަށެވެ. އަދި އެގެއިން އެ ހަތަރު މީހުން ނިކުންނަ އިރު ދެ މީހަކު ސައިކަލުގައި ދާ އިރު ދެން ތިބި ދެމީހުން ދަނީ ފައިމަގުގައި ހިނގާފައެވެ.
ހިނގާފައި ދާ ދެމީހުންގެ ތެރެއިން އެކަކީ އެ އިމާރާތުން ވެއްޓުނު 21 އަހަރުގެ އަންހެން މީހާއެވެ. އޭނާއާ އެކުގައި ދެން ހުރީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެ މީހުން އެކީގައި މަގުމަތިން ހިނގާފައިދާ އިރު އެމީހުންގެ ހަރަކާތްތައް ހުންނަ ގޮތުން ތިބީ މަސްތުގެ ހާލަތުގައި ކަން އެނގޭކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ ދެމީހުން ހިނގާފައި ދަނީ ހުސް ފައިގައެވެ.
މި ކޭސްގައި ހިމެނޭ 8 މީހުންގެ ތެރެއިން 2 މީހަކު ފުލުހުންނަށް އަތު ނުޖެހޭ ކަމަށް މީގެ ކުރިން ބުނެފައި ވެއެވެ. މިއަދު އެ މިހުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވާ ކަމަށް ފުލުހުން ބުނި ނަމަވެސް އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
މިއަދު މި 8 މީހުންގެ ވަނަވަރު އާންމުކޮށްފައިވާ އިރު، މި ހާދިސާގައި ހިމެނޭ މީހުންގެ ތެރޭގައި އެއްވެސް ސިޔާސީ މީހަކު ނުހިމެނޭ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މި މީހުންގެ ތެރޭގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ މައުމޫން ހިމެނެއެވެ. މިއަދު ހެނދުނު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.