ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑިމައްޗަށް ވާ ގޮތަށް ހުންނަ ދެ ދޮރުގެ ފެންލައިޓަކުން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި ހިމެނޭ މީހުންގެ ވަނަވަރު މިއަދު ހާމަ ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައި ވަނީ މި ހާދިސާއާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޝުޖާއު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ލިބުނު ރިޕޯޓާއެކު އަންހެން މީހާ ނަގައިގެން އައިޖީއެމްއެޗްއަށް ގެންދެވުނީ 8 ޖަހާކަށް ހާއިރު ކަމަށެވެ. އެ އަންހެން މީހާ އަކީ ކާކުތޯ ދެނެގަތުމަށް މަސައްކަތް ކޮށް ވަގުތު ނެގި ކަމަށާއި އެ މައުލޫމާތު ދެނެގަނެވުމާއެކު އާއިލާއަށާއި ހޮސްޕިޓަލަށް އެ އަންހެން މިހާގެ މައުލޫމާތު ހިއްސާ ކުރި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެއަށްފަހު އެ އަންހެން މީހާއަށް ފުރާޅަށް ވެއްޓުމަށް ހިނގި ހާދިސާ ދެނެގަތުމަށް ސީސީޓީވީ ފުޓޭޖް ބަލައި ތަހުގީގު މަސައްކަތް ފެށި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެ އަންހެން މީހާއާއެކު ހ. ފެންޓެނޯއީ ގޭގައި އުޅުނީ ރައުދު އަހްމަދު ޒިލާލް ކަމަށާއި އޭނާގެ ފޯނު ވެސް ވަނީ ހިފައްހާޓާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައުދު އާ ކުރި ސުވާލުން އެރޭ އެމީހުންނާއެކު އިތުރު 7 މީހަކު އުޅުނު ކަމަށާއި އެމީހުން ދެނެގަނެފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އމެީޙުންގެ ވަނަވަރު މިއަދު ހާމަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އަންހެން މީހާ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ހާދިސާ ހިންގި އިރު އެތަނުގައި ހުރީ ރައުދު އެކަނި ކަމަށާއި ދެން ތިބި މީހުންނާ ހުރި ގުޅުން ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް ޝުޖާއު ވިދާޅުވިއެވެ.
މި މައްސަލއިގައި މި ވީ 6 ދުވަސް ތެރޭގައި ވެސް ވަރަށް ގިނަ ހޯދުންތައް ހޯދިފައިވާ ކަމަށާއި، މި ކޭސްގައި ވަކި އުސޫލަކުން އަމަލު ނުކުރާ ކަމުގެ ޔަގީން ކަން ޝުޖާއު ދެއްވިއެވެ. އެހެން ކޭސްތަކެކޭ ވެސް އެއްގޮތަށް މި މައްސަލަ ބަލައި ތަހުގީގު ކޮށް އުސޫލާ އެއްގޮތަށް ފިޔަވަޅު ވެސް އަޅާނެ ކަމަށް ޝުޖާއު ވިދާލުވިއެވެ.
ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ހާދިސާ އާ ގުޅިގެން މައުލޫމާތު ދިނުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ 'ސިއްރު' ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ސީސީޓީވީ ފުޓޭޖުތައް ދައްކާ މިހާތަނަށް ތަހުގީގަށް ހޯދިފައިވާ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ. ފުލުހުން ބުނީ، އެ ޒުވާނާ ރޭޕްކުރި ކަމަށް މީސްމީޑިއާގައި އޮތް ނަމަވެސް އެފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ ޒުވާނާ ފުރާޅު މައްޗަށް ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫން ކަމަށާއި، އޭނާ ވެއްޓުނީ އަމިއްލަ އަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ވެއްޓުނު ޒުވާނާ ވެސް މަސްތުވާ އެއްޗަކަށް ޕޮޒިޓިވްވި ކަމަށާއި ނަމަވެސް އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަން ދެނެގަނެވިފައެއް ނުވެއެވެ. އެ އަންހެން މީހާއާއެކު އުޅުނު ޒުވާނާ ވަނީ ކެނަބިސްއަށް ޕޮޒިޓިވް ވެފައި ކަމަށާއި އޭނާ ޔޫރިން ސާމްޕަލް ދީފައި ވަނީ އެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. މީގެ އިތުރުން މި ކޭސްގައި ހިމެނޭ 8 މީހުންގެ ތެރެއިން 2 މީހަކު ފުލުހުންނަށް އަތު ނުޖެހޭ ކަމަށާއި ދެން ތިބި 6 މީހުންނާ ސުވާލުކޮށްފައިވީ ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާގައި ހިމެނޭ މީހުންގެ ތެރޭގައި އެއްވެސް ސިޔާސީ މީހަކު ނުހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ފުލުހުން ދިން މައުލޫމާތުތަކަށް އެކި މީޑިއާތަކުގައި ހަބަރުތައް ގެނެސްދީފައިވާ އިރު، މި މައްސަލައިގައި ފުލުހުން ގިނަ ކަންތައްތަކެއް ސިއްރު ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އާންމުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
އެ ގޮތުން ރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ގިނަ އަދަދެއްގެ ޒުވާނުން އެއްވެ ވަނީ އިހުތިޖާޖެއް ވެސް ހިންގާފައެވެ. އެ ޒުވާނުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމާއި މި ކޭސްގައި ބައިވަރު ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ. ވެއްޓުނު އަންހެން މީހާ މަރުވާން ދޫކޮށްލާފައި އެ ފިރިހެން މީހާ ދިއުމަކީ އޭނާ ހައްޔަރު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މި މައްސަލައާ ގުޅިގެން އިސް މީހަކު އިހުތިޖާޖުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދާރީ ވުމަށް ވެސް ވަނީ ގޮވާލާފައެވެ.
މި ހާދިސާއާ ގުލީގެން މިއަދު ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ އިރު، މި މައްސަލައިގައި ފުލުހުންނަށް އަމާޒުވެފައިވާ ތުހުމަތުތަކާއި ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފުރިހަމަ ތަހުގީގެއް ހިންގުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ މި ހާދިސާއާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށާއި ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމާ ސުވާލުކުރަން ހުށަހަޅާފައެވެ.