މާލޭގެ ހެންވޭރުގައި ހުރި އުސް އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގައި ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންނަށް އަމާޒުވެފައިވާ ގިނަ ތުހުމަތުތަކަކާއި ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފުރިހަމަ ތަހުގީގެއް ހިންގުމަށް ނިންމައިފިއެވެ.

އެންއައިސީ އިން ބުނީ އެ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ހިންގާ މި ތަހުގީގަކީ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ހިންގާ ތަހުގީގެއް ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ރޭ މައުލޫމާތު ދިނުމަށް ރޭ ފުލުހުން ވަނީ ނޫސްވެރިންގެ 'ސިއްރު' ބައްދަލުވުމެއް ބާއްވާފައެވެ. ކެމެރާ އާއި ފޯން އަދި ރެކޯޑްކުރެވޭ ޑީވައިސް ވެއްދުން މަނާކޮށް ބޭއްވި އެ ބައްދަލުވުމުގައި ފުލުހުން ވަނީ މި ކޭސްއާ ގުޅޭ ސީސީޓީވީ ފުޓޭޖްތައް ދައްކާ މިހާތަނަށް ތަހުގީގަށް ހޯދިފައިވާ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ.

ފުލުހުން ބުނީ ސޯޝަލް މިޑިއާގައި އެ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނި ކަމުގައި ވިޔަސް އެފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫން ކަމަށާއި އެއީ އޭނާ އަމިއްލަ އަށް ވެއްޓުނު ހާދިސާއެއް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅުން ހުރި 8 މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ ދެން ތިބި މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 9 ބުރީގެ އިމާރާތުގައި އުޅުނީ ވެއްޓުނު އަންހެން މީހާއާއެކު އިތުރު ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެ ދެމީހުންގެ ނަތީޖާ ދައްކާ ގޮތުން މަސްތުވާ ތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ފިރިހެން މީހާ ސާމްޕަލް ދީފައި ވަނީ އެއް ދުވަސް ފަހުން ކަމަށާއި އޭނާގެ ޓެސްޓްގެ ނަތިޖާ ވަނީ ކެނަބިސްއަށް ޕޮޒިޓިވް ވެފައި ކަމަށް ފުލުހުން ބުނެއެވެ. އަންހެން މީހާގެ ޓެސްޓުން އޭނާ ޕޮޒިޓިވް ވެފައި ވަނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗަކަށް ކަން އަދި ސާފު ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގަށް ހާދިސާގައި ހިމެނޭ 6 މީހުންނާ ސުވާލު ކޮށްފަިއވާ އިރު، ދެން ތިބި ދެ މީހުން އަދި ފުލުހުންނަށް ހޯދިފައި ނުވާ ކަމަށް ބުނެއެވެ. އެމީހުންގެ ތެރޭގައި އެއްވެސް ސިޔާސީ މީހަކު ނެތް ކަމަށް ފުލުހުން ބުނެއެވެ.

9 ބުރީގެ އިމާރާތުގައި އުޅުނީ ވެއްޓުނު އަންހެން މީހާއާއެކު އިތުރު ފިރިހެނެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެ އިމާރާތުގެ 9 ވަނަ ބުރީގައި ތިންވަނަ ފަރާތެއް ހުރިކަމަށާއި، އެ މީހާގެ މައުލޫމާތު ފުލުހުން ހާމަނުކުރާން ސިއްރު ކުރަނީ ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.

މީގެއިތުރުން އެ އިމާރާތުގެ 9 ވަނަ ފަންގިފިލާއަކީ ޓެރަސް ހުންނަ ބައެވެ. ޓެރަހަށް ވަދެވޭ ދޮރު ހުންނަނީ ތަޅުލާފައި ކަމުން އެ ދޮރު ނުހުޅެވެއެވެ. އެހެންކަމުން އެ އަންހެން މީހާ ފުންމާލާފައި ވަނީ ނުވަތަ ވެއްޓިފައި ވަނީ އެތަނުގައި ހުރި ފެންލައިޓަކުން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މި ވާހަކަތަކަށްވެސް ބައެއް ފަރާތްތަކުން ވަނީ ފެންލައިޓުން ފުންމާލި މީހަކު އަނެއް ފަރާތުގައި އިން ފުރާޅު މައްޗަށް ވެއްޓެން ޖެހުން ގޮތާއިމެދުވެސް ސުވާލު އުފައްދާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ މީހުން އަންނަނީ އެމީހުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.