ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މި އަހަރު ތެރޭ 1260 އެނދު މާކެޓަށް ނެރޭވެނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ތޯރިގް ވިދާޅުވީ، ފަތުރުވެރިކަމުގެ ތަރައްގީގެ މަޝްރޫއުތަކަށް ބަލާލާއިރު، ފަތުރުވެރިކަމަށް 156 ތަނެއް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. ނަމަވެސް 61 ތަނެއްގެ މަސައްކަތް އެކި ސަބަބުތަކާ އެކު ވަނީ މަޑުޖެހިފައި ކަމަށް ތޯރިގް ވިދާޅުވިއެވެ. ހުއްޓިފައި ހުރި މަޝްރޫއުތައް ފައްޓައިގެން ކުރިއަށް ގެންދިއުމަށް ކުރެވޭނެ މަސައްކަތްތައް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ހުރި ރިސޯޓްތަކަށް ބަލާއިރު، ދިވެހި ބްރޭންޑްތަކުގެ ނަމުގައި އޮޕަރޭޓް ކުރާ 65 ރިސޯޓް އެބައޮތް ކަމަށާއި އިންޓަނޭޝަނަލް ބްރޭންޑްތަކުން އޮޕަރޭޓް ކުރާ 110 ރިސޯޓް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމަށް އޮކިއުޕެންސީ އިތުރުކުރުމަށް ވެސް މަސައްކަތްތަކެއް ކުރާ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރު ތެރޭ 1260 އެނދު މާކެޓަށް ނެރޭވެނެ ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކްލޯޒް ބިލްޑިންގެ ދަށުން ފަތުރުވެރިކަމަށް 10 ތަނެއް ވަނީ ހަވާލުކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު ކްރޮސް ސަބްސިޑީސްގެ ދަށުން ފަތުރުވެރިކަމަށް 3 ތަނެއް ހަވާލުކޮށްފައިވާ އިރު، އޯޕަން ބިޑިންގެ ދަށުން 3 ތަނެއް ވަނީ އިއުލާން ކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެތެރޭގައި ކެލާ ފަޅުތެރޭގައި ގާއިމްކުރަން ނިންމާފައިވާ ދެ ރިސޯޓާއި، ކާށިދޫ ފަޅުތެރޭގައި ގާއިމްކުރާ ރިސޯޓް ހިމެނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތު ރާއްޖޭގައި ފެށިގެން ދިޔައީ 1972 ވަނަ އަހަރު ހުޅުވި ދެ ރިސޯޓުގައި ހުރި 280 އެންދާ އެކު ގައެވެ. މިއަހަރާ ހަމައަށް އައި އިރު 1162 ފަސިލިޓީ ގައި 62290 އެނދު އެބަހުރި ކަމަށް ތޯރިގް ވިދާޅުވިއެވެ. މިއީ މި ވޭތުވެ ދިޔަ 53 އަހަރުތެރޭ އައިސްފައިވާ ބަދަލު ކަމަށާއި ސަރުކާރުން އަދި ވެސް މަސައްކަތް ކުރަމުން ދަނީ އޮކިއުޕެންސީ އިތުރު ކުރުމަށް ކަމަށް ތޯރިގް ވިދާޅުވިއެވެ.