މިހާރު ޓޫރިޒަމުން އަމަލު ކުރަމުންދާ 5 ވަނަ މާސްޓާ ޕްލޭންގައި ދައްކާ ގޮތުގައި 2027 ވަނަ އަހަރު ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަަރަށް އިތުރު ކުރަން އަމާޒު ހިފާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޯރިގް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލް ކުރެވިފައިވާ ކަންކަމާއި އެ ދާއިރާ ފުޅާ ކުރުމަށް ކުރާ މަސައްކަތައް ހިއްސާކުރައްވާފައެވެ. ތޯރިގް ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިތީ (އެމްއެމްއޭ) ގެ ތަފާސްހިސާބު ދައްކާގޮތުގައި 2023 ވަނަ އަހަރު ނިމުނު އިރު ޓޫރިޒަމުން ލިބުނު އާމްދަނީ ހުރީ 4.23 ބިލިއަން ޑޮލަރުގައި ކަމަށެވެ.

ޓޫރިޒަމުން އަމަލު ކުރަމުންދާ 5 ވަނަ މާސްޓާ ޕްލޭންގައި ދައްކާ ގޮތުގައި 2027 ވަނަ އަހަރު ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަަރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް ތޯރިގް ވިދާޅުވިއެވެ. މި މާސްޓާ ޕްލޭން އަކީ 2023 އިން 2027 ވަނަ އަހަރާ ހަމައަށް ހާސިލް ކުރާ ލަންދުދަނޑިތަކުގެ މާސްޓާ ޕްލޭނެއް ކަމަށް ތޯރިގް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މެނިފެސްޓޯގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ރާވާފައިވާ ކަންތައްތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާއަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަށް ވިޒިޓާ އިކޮނޮމީ ކައުންސިލް އެއް ވަނީ އުފައްދާފައެވެ. މި ކައުންސިލްގެ މަގްސަދަކީ ފަތުރުވެރިކަން ސިންދަފާޓު ކުރުމާއި ފުޅާކުރުން ކަމަށް ތޯރިގް ވިދާޅުވިއެވެ. ހަމައެއާއެކު އެކި އިދާރާތަކާއި ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ މަގު ފަހި ކުރުވުމެވެ.

ފަތުރުވެރިކަމުގެ ސިނާއަތު ރާއްޖޭގައި ފެށިގެން ދިޔައީ ހުޅުވި ދެ ރިސޯޓުގައި ހުރި 280 އެންދާ އެކު 1972 ވަނަ އަހަރުގެ ތެރޭގައެވެ. މިއަހަރާ ހަމައަށް އައި އިރު 1162 ފަސިލިޓީ ގައި 62290 އެނދު އެބަހުރި ކަމަށް ތޯރިގް ވިދާޅުވިއެވެ. މިއީ މި ވޭތުވެ ދިޔަ 53 އަހަރުތެރޭ އައިސްފައިވާ ބަދަލު ކަމަށާއި ސަރުކާރުން އަދި ވެސް މަސައްކަތް ކުރަމުން ދަނީ އޮކިއުޕެންސީ އިތުރު ކުރުމަށް ކަމަށް ތޯރިގް ވިދާޅުވިއެވެ.

1972 ވަނަ އަހަރު ރާއްޖެއަށް 1097 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިރު މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މި ވަނީ 2.05 މިލިއަނަށް އަރާފައެވެ. 2022 ވަނަ އަހަރު އައުި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު މިއީ 22 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ތޯރިގް ފާހަގަ ކުރެއްވިއެވެ.

މި އަހަރު މިހާތަނަށް ރާއްޖެއަށް ވަނީ 771،333 ފަތުރުވެރިން އައިސްފައި ކަމަށާއި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އާއި ޔޫކޭ އިން ކަމަށް ތޯރިގް ވިދާޅުވިއެވެ. އެގޮތުން އޭޕްރީލް 21 ވަނަ ދުވަހާ ހަމައަށް މިއަހަރު ތެރޭ ޗައިނާއިން އައިސްފައި ވަނީ 84،174 ފަތުރުވެރިން ކަމަށާއި ޔޫކޭ އިން އައިސްފައި ވަނީ 83،849 ފަތުރުވެރިން ކަމަށް ތޯރިގް ވިދާޅުވިއެވެ. މިއީ މިއަހަރު އައި ޖުމްލަ ފަތުރުވެރިންގެ ނިސްބަތުގެ 10 ޕަސެންޓް ފަތުރުވެރިން ކަމަށް ތޯރިގް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ހިދުމަތުގައި ރާއްޖެ ހޭދަ ކުރި 53 އަހަރުގެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް ވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރިއަރީ މަހެވެ. އެ މަހު 217،392 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އެއް ދުވަހެއްގެ މަތިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ 10 ވަނަ ދުވަހުއެވެ. އެ ދުވަހު 10،213 ފަތުރުވެރިން އައިސްފައި ވެއެވެ.