މީސްމީޑިއާގައި ފޭކު އެކައުންޓް ހަދައިގެން މަރުގެ އިންޒާރުދޭ މައްސަލަތައް އިތުރުވެ އެކަން އާންމު ކަމަކަށް ވަމުންދާ ކަމަށާއި، އެ އެކައުންޓްތަކުގެ ފަހަތުގައި ތިބި ބަޔަކު ކަށަވަރުވާ ދުވަހު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިިިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި އެމަނިކުފާނުގެ އާއިލާއަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުންދާ ކަމަށް ވިދާޅުވެ، އެކަމާ ގުޅިގެން ރައީސާއި އެމަނިކުފާނުގެ އާއިލާގެ ރައްކާތެރިކަމަށް ދައުލަތުން އިސްކަންދެނީ ކިހާ ވަރަކަށްތޯ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، މީސްމީޑިއާގައި ފޭކް އެކައުންޓް ހަދައިގެން އާންމުންނަށް މަރުގެ އިންޒާރު ދެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ކަން މިހާރު އާންމުވަމުން ދާ ކަމަށާއި، ކަމާބެހޭ ފަރާތްތަކާ ގުޅުގެން މި މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި މިފަދަ ސޯޝަލް މީޑިއާ މެނޭޖްކުރައްވާ، ނުވަތަ އޯނާޝިޕް އޮންނަ ކުންފުނިތަކާ ގުޅިގެން ވެސް ކުރަން ޖެހޭ މަސައްކަތް އަޅުގަނޑުމެން މި ދަނީ ކުރަމުން،" އިހުސާން ވިދާޅުވިއެވެ.
މީސްމީޑިއާގައި ފޭކް އެކައުންޓެއް ހަދައި މަރުގެ އިންޒާރު ދިނުމަށް ނަގަނީ މަދު ސިކުންތުކޮޅެއްކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އެހެންކަމުން މި މައްސަލަ އެއްކޮށް ހައްލުކުރުމަކީ އަދި އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ކޮންމެ ދިވެއްސަކަށް މަރުގެ އިންޒާރު ދޭ މައްސަލަތައް ސީރިޔަސްކޮށް ބަލައި ފިޔަވަޅު އަޅަމުންދާނެ ކަމަށާއި، ފޭކް އެކައުންޓްތަކުގެ ފަހަތުގައި ތިބޭ މީހުންނަކީ ކޮން ބައެއްކަން އެނގޭ ދުވަހު އެ ބަޔަކަށް ގާނޫނުގައި އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މީހުންނަށް މަރުގެ އިންޒާރު ދިނުމަކީ ސަމާސާއަކަށް ވުރެ ސީރިޔަސް ކަމެއްކަން ފާހަގަކުރައްވައި އެ ކަން ނުކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.