މި އަހަރު ފުރަތަމަ ކުއާޓާ ނިމުނު އިރު ޖުމްލަ 1271 އެކްސިޑެންޓް ހިނގާފައިިވާ އިރު މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓްގެ އަދަދު 1068 އަށް އަރާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު އާންމު ކުރި ތަފާސްހިސާބަށް ބަލާއިރު، މި އހަަރުގެ ފުރަތަމ 3 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން އެކްސިޑެންޓްގެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. ޖުމްލަ 1068 އެކްސިޑެންޓް މައްސަލައެއް މާލެ ސަަރަހައްދުން ރިޕޯޓްކޮށްފައިވާ އިރު، ހުޅުމާލެއިން 454 މައްސަލައެއް، ހުޅުލެއިން 49 މައްސަލައެއް، މާލެއިން 561 މައްސަލައެއް އަދި ވިލިމާލެއިން 4 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
އަތޮޅު ތެރެއަށް ބާލައިރު، ޖުމްލަ ކޮށް 203 މައްސަލައެއް ރިޕޯޓްކޮށްފައިވާ އިރު، އެންމެ ގިނަ އެކްސިޑެންޓް މައްސަލަ ރިޕޯޓްކޮށްފައި ވަނީ އައްޑޫ ސިޓީންނެވެ. އެއަށް ފަހު ހދ، ލ، ގދ، ޏ، ހއ، އަދި ރ ހިމެނެއެވެ. އައްޑޫއިން 81 މައްސަލައެއް ވަނީ މިއަހަ ރުތެރޭ ރިޕޯޓްކޮށްފައެވެ. އެކްސިޑެންޓްތަކާ ގުޅިގެން ހދ އަތޮޅުން 23 މައްސަލަ، ލ އަތޮޅުން 18 މައްސަލަ ގދ. އަތޮޅުން 15 މައްސަލަ އަދި ފުވައްމުލަކުން 13 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
ވޭތުވެ ދިޔަ ތިން މަހަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓްތައް ރިޕޯޓްކުރި މަހަކީ މިދިޔަ ފެބްރުއަރީ މަހެވެ. ޖެނުއަރީ މަހު ޖުމްލަ 394 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، ފެބްރުއަރީ މަހު 465 މައްސަލަ އަދި މާޗް މަހު 412 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
ޖުމްލަ 1271 އެކްސިޑެންޓް މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އިރު، މި އަހަރު ތެރޭ އެކްސިޑެންޓް މައްސަލައިގައި ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ އައްޑުގައި ހިންގި އެކްސިޑެންޓެއްގައި މަރުވި މީހަކާއި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މަރުވި މީހެކެވެ. މި ދެ އެކްސިޑެންޓް ވެސް ހިނގާފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.