ކުޑަ އިންޓްރެސްޓް ރޭޓެއްގައި ގެދޮރު އަޅައި ގެދޮރު މަރާމާތު ކުރަން އެހީތެރިވެދޭ "ހިޔާވެހި ފައިނޭންސް ސްކީމް"އަށް ހުށަހަޅާއިރު ކައުންސިލުން ފާސްކޮށްފައިވާ ކުރެހުން ނެތް ނަމަވެސް ސްކީމަށް ހުށަހެޅޭ ގޮތަށް އުސޫލު ބަދަލުގެނައުމަށް ނިންމައިފިއެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ހިޔާވަހި ފައިނޭންސް ސްކީމަށް ހުށަހަޅާއިރު ކައުންސިލުން ފާސްކޮށްފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކަށް އެ ކުރެހުން ބޭނުންވާތީ ކަމަށެވެ. އެހެން ނަމަވެސް މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ރައްޔިތުންނަށް، މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހޯދުމަށް ހުށަހަޅައިގެން އެކަމަށް ވަގުތު ބޭނުންވާކަމަށެވެ.

އެހެންކަމުން ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް މުއްތަލިބު ވިދާޅުވިއެވެ. މީގެ އިތުރުން މުއްތަލިބު ވިދާޅުވީ ހިޔާވެހި ސްކީމްގެ އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު ފާސްކުރި ކުރެހުން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ފައިނޭންސިން ފެސިލިޓީތަކަށް އެދުމަށްޓަކައި "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 30 ވާ ބުދަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.