އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާއި އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށް ޗިޓު ފޮނުވައިފިއެވެ.
އެ ދެ މީހުންގެ މައްޗަށް ކޯޓުން މިފަދަ އަމުރެއް ނެރެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, ފުލުހުން މިހާރު ހިންގާ ތަހުގީގާ ގުޅިގެންކަން މި ނޫހަށް ވަނީ އެނގިފައެވެ. މި މައްސަލައާއި ގުޅިގެން މީގެ ކުރިން ވެސް ވަނީ އެ ދެ މީހުން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.
އަދި އިއްޔެވެސް ފުލުހަށް ހާޒިރުވުމަށް އެދި އެ ދެ މީހުންނަށް ޗިޓެއް ފޮނުވާފައިވާއިރު އެ ޗިޓުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން މަންދީއާއި މާޒް ސަލީމްގެ ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ ބޭރު ފޮޓޯ ނަގައި އަޑުގެ ސާމްޕަލް ނެގުމަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އިއްޔެ މެންދުރު 14:30 އަށް ހާޒިރު ވުމަށެވެ.
ނަމަވެސް ފަހުން ފުލުހުން ވަނީ އެ ޗިޓު ކެންސަލް ކޮށްފައިވާ ކަމަށް އެ ދެ މީހުންނަށް އަންގާފައެވެ. އަދި އެކަމާ ގުޅިގެން އަމަލު ކުރަންވީ ގޮތް ފަހުގެ ތާރީހެއްގައި އަންގާނެ ކަމަށް ވެސް ފުލުހުން އަންގާފައި ވެއެވެ.
މަންދީ އާއި މާޒް ސަލީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަނީ އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން ކަމަށްވާއިރު ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅިއެވެ. އަދި އޭގެ ފަހުން އިތުރު ދައުވާއެއް ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ފެމިލީ ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައެވެ.
މިދިޔަ ރަމަޟާން މަހުގެ ތެރޭގައި އެމްޑީޕީއިން ސިލްސިލާކޮށް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ ރައީސްގެ ދަރިކަލުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަގާމުތަކުގައި ތިބެދާނެ އެހެންކުދިންނަށް ރައްކާތެރިކަން ޔަގީންވެފައި އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި މެޑަމް ސާޖިދާ ދެކެވަޑައިގަންނަވާތީ ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވަނީ ވިދާޅުވެފައެވެ.