އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ، 2 ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ ހަސަން ޝާހް ހިމެނޭހެން 5 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީއަށް މައްސަލަ ފޮނުވާފައި އިއްޔެއެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައި ވަނީ އެމްޓީސީސީގެ:

  1. ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސާ: ހަސަން ޝާހް (ބަގީޗާގެ / ސ.މަރަދޫފޭދޫ)
  2. ކުރީގެ ޖެނެރަލް މެނޭޖާ އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު: ޝިފާއު އަލީ (ހ.ފެއަރީޕެލަސް / ކ.މާލެ)
  3. ކުރީގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު: ހުސައިން ޒުހުރީ (ޕާކީޒާ / ށ.ކޮމަންޑޫ)
  4. ކުރީގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު މުހައްމަދު ނާޒިމް (މ.ޕޮމްޕިޔާ / ކ.މާލެ)
  5. ކުރީގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު އިސްމާއީލް އަދުހަމް (ގ.ނިލަ / ކ.މާލެ)

މި 5 މީހުންގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކުރުމަށް އޭސީސީއިން ވަނީ އެދިފައެވެ.

މީގެއިތުރުން ޝިފާއު އަލީގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ކުރުމަށް ވެސް އޭސީސީއިން ވަނީ އެދިފައެވެ. ހަމައެއާއެކު މި މައްސަލާގެ ތަހުގީގުގައި އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39,241,855.78 ރުފިޔާގެ ގެއްލުމުގެ އިތުރުން، ލިބިފައިވާ އިތުރު މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގާފައިވާ ކަމަށް އޭސީސީއިން ބުނެއެވެ.

އޭސީސީއިން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެމްޓީސީސީއިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ 2 ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަންޖެހޭފަދަ ހިލާފުތައްވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް "އެޑްވާންސް ޕޭމެންޓާއި" "ޕްރޮގްރެސިވް ޕޭމެންޓު"ތައް ދޫކޮށްފައިވާކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އަދި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ހަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު، އެ އެއްބަސްވުން ބާތިލުކޮށްފައިނުވާ ކަމަށާއި މި އަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.