މިއަހަރު ތެރޭ ދައުލަތަށް އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބުނު އިރު، ހަރަދުގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި މަހުގެ 10 ވަނަ ދުވަހާ ހަމަައަށް ވަނީ 11،227.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އާމްދަނީއަށް ބަލާއިރު ޓެކްސްގެ ގޮތުގައި ވަނީ 8،694.9 މިލިއަން ރުފިޔާ ލިިބިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 10،700 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރާއި މިއަހަރު ލިބުނު އާމްދަނީ އަށް ބަލާއިރު، 5 ޕަސެންޓްގެ ކުރިއެރުމެކެވެ.

މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދައުލަތުން ވަނީ 9،089.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ހަރަދުގެ ގޮތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 8،396.2 މިލިއަން ރުިޔާ ހަރަދުކޮށްފައިވާ އިރު، އޭގެތެރެއިން މުސާރައާއި އެހެނިހެން އިނާޔަތްތަކަށް ވަނީ 3،574.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި ހިންގުމުގެ ހަރަދަށް ވަނީ 4،820.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މިއަހަރު އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް ބަޖެޓް ޕްރައިމަރީ ބެލެންސް 3،372 މިލިއަން ރުފިޔާ އަރަނި ވެފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓްގެ ޕްރައިމަރީ ބެލެންސް 351.6 މިލިއަން ރުފިޔާއިން ވަނީ އަރަނިވެފައެވެ. އެގޮތުން މިއަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް ވަނީ 2.1 ބިލިއަން ރުފިޔާއިން އަރަނިވެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 1.1 ބިލިއަން ރުފިޔާގެ ޑެފިސިޓްގައެވެ.

ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ދައުލަތުން 9.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މި އަހަރު ތެރޭ ހަރަދު ކުރަން ކަނޑައަޅާފައި ވަނީ 49 ބިލިއަން ރުފިޔާއެވެ.