ނިމިދިޔަ މާޗުމަހު 204 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓުކޮށް ދައުލަތަށް 350 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން އިއްޔެ އާންމުކޮށްފައިވާ މާޗުމަހުގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި 204 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 65 އިންސައްތައިގެ އިތުރުވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 124 މިލިޔަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން 118 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު އިނގިރޭސިވިލާތައް 42 މިލިޔަން ރުފިޔާގެ މުދާ، ވިއެޓްނާމަށް 8 މިލިޔަން ރުފިޔާގެ މުދާ އަދި ބަންގްލަދޭޝްއަށް 7 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ. މީގެއިތުރުން ޖަރުމަނަށް ވަނީ 5 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައެވެ.

އިމްޕޯޓަށް ބަލާއިރު މިދިޔަ މަހާއި އޭގެ ކުރީ މަހު ވެސް ތެލުގެ ބާވަތްތައް ނުހިމަނާ ޖުމްލަ އިމްޕޯޓް ހުރީ 3.5 ބިލިއަން ރުފިޔާގައެވެ. ނަމަވެސް ތެޔޮ ހިމަނައިގެން އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ ކުޑަކޮށް މަތިވެފައެވެ. އެއީ 4.4 ބިލިއަން ރުފިޔާއެވެ.

އެންމެ ގިނައިން އިމްޕޯޓުކޮށްފައިވާ ގައުމުތަކަކީ:

  • ޔޫއޭއީ - 1337 މިލިޔަން ރުފިޔާގެ މުދާ
  • އިންޑިއާ - 713 މިލިޔަން ރުފިޔާގެ މުދާ
  • ޗައިނާ - 514 މިލިޔަން ރުފިޔާގެ މުދާ
  • ސިންގަޕޫރު - 356 މިލިޔަން ރުފިޔާގެ މުދާ
  • ސްރީލަންކާ - 249 މިލިޔަން ރުފިޔާގެ މުދާ

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ އަށް އެތެރެކުރި މުދަލުގެ 30 ޕަސެންޓު ގެނެސްފައިވަނީ ޔޫއޭއީންނެވެ. އަދި ރާއްޖެ އިން އެކްސްޕޯޓުކުރާ މުދަލުގެ 58 ޕަސެންޓު ފޮނުވާފައިވަނީ ތައިލެންޑަށެވެ. އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ.