މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ފަޟީލަތުއްޝައިހް ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވަން ހަމަޖެހިއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހްސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތުގައި ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ސަލްމާން ހުއްދަ ދެއްވާފައިވާކަމަށެވެ.

މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުގެ އިތުރުން ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ 40 އަހަރު ފަހުން ހަރަމްފުޅުގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ކަމަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިހު މުހައަމަދު އައްސުބައްޔިލުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސްގެ އިރުޝާދުގެ ދަށުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެވަޑައިގެންވުމުގެ ކަންކަން ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ވަލީ އަހުދު މުހައްމަދު ބުން ސަލްމާނަށް ޝުކުރު ދަންނަވާފައެވެ. އިތުރަށް މިނިސްޓަރު ވަނީ މި ޒިޔާރަތުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއިން ދެމުން ގެންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ.

މަދީނާގެ ހަރަމްފުޅުގެ އިމާމު ޑރ ސަލާހުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. އަދި މަދީނާގެ ހަރަމްފުޅުގައި އިމާމުވެ ތަރާވީހް ނަމާދު ކުރައްވާ އިސްލާމީ ދުނިޔޭގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރިއެވެ.