ކޮރަޕްޝަންގެ މައްސަލައެއްގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އޭސީސީއިން އެދިފައި ވަނީ ސައީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދުގެ މައްޗަށެވެ.

ސައީދު އަދި މުހައްމަދު މަސްއޫދުގެ މައްޗަށް އޭސީސީއިން ވަނީ 2 ދައުވާއެއް ކޮށްދިނުމަށް އެދިފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތައް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީއިން ބުނީ ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރުގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމާފައިވަނީ އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި "އިންޓާނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ ކަމަށެވެ.

އަދި ލ. މާމެންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، ސައީދު ބޯޑު މެންބަރުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް އޭސީސީއިން ބުނެއެވެ. އެގޮތުން ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ މައޫލޫމާތު ދީފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މުހައްމަދު މަސްއޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަހުގީގަށް ހާމަވެފައިވާކަން އޭސީސީއިން ވަނީ ފާހަގަކޮށްފައެވެ. އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ގާބިލްކަން ފެނަކައިގައި ހުރި ނަމަވެސް މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައިވާކަން އޮޅުވާލާފައިވާކަން ވެސް އޭސީސީއިން ފާހަގަކުރެއެވެ.