ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ލޯނު އެހީގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރާ 400 ހައުސިން ޔުނިޓް ގެ މަޝްރޫއު މިއަދު އިފްތިތާހް ކޮށްފިއެވެ.
މި މަޝްރޫއު އިފްތިތާހުކޮށްދެއްވާފައި ވަނީ ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް-މުރްޝިދް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ.
މިއީ ސައުދީ ފަންޑުން 25 މިލިޔަން ޑޮލަރުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މިއީ ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. މި ޕްރޮޖެކްޓް ވެގެން ދާނީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، އަގުހެޔޮކޮށް ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަޝްރޫއެއްގެ ގޮތުގައި ޒަމީރު ވިދާޅުވިއެވެ.
މި ހައުސިން ޔުނިޓްތައް އަޅަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސްޖިދު ހަސަން އާދަމްއާ އިންވެގެން އޮންނަ ބިމުގައެވެ. މި މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ކޮންސަލްޓަންސީ ފާމެއް ހޮވުމުގެ މަރުހަލާއެވެ. އަދި މިއަހަރުގެ ފަހު ކުއާޓަރުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.