ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ހުށަހެޅި އިސްލާހުގައި، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރަން އިމިގްރޭޝަނުން ހުށަހަޅައިފިއެވެ.
އިމިގްރޭޝަންގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިދިޔަ މޭ މަހު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ޖޫން މަހު ބަލައިގަތުމަށް ފަހު، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އިސްލާހު ދިރާސާކުރުމަށް ފޮނުވިއެވެ. ނަމަވެސް އިސްލާހުގެ މަސައްކަތް ދިގުލައިގެން ގޮސް ލަސްވާ މައްސަލައިގައި އާންމުންގެ ފާޑުކިޔުން ވެސް އަމާޒުވެފައިވެއެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ އިދާރީ މޭޒުން ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ހުށަހެޅި އިސްލާހަށް އިމިގްރޭޝަނުން ހުށަހެޅި ހުށަހެޅުން އިއްވައިފައެވެ. އިމިގްރޭޝަނުން ހުށަހެޅުމުގައި ބުނީ އިޒްރޭލު މީހުންގެ ތެރެއިން އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެވުން މަނާނުކުރެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް އިމިގްރޭޝަނުން ބުނީ:
- ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމުގައި އިމިގްރޭޝަނުން ބަލާނީ ބިދޭސީން ހުށަހަޅާ ޕާސްޕޯޓަށް ވާތީ ކަމަށް
- ދެ ގައުމުގެ ޕާސްޕޯޓު އޮންނަ ފަރާތްތައް ކަށަވަރުކުރެވެން ނެތުމުން ކަމަށް
އެހެންވެ އިމިގްރޭޝަނުން ހުށަހެޅީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އަންނަ މީހުން އެތެރެވުން މަނާކުރުމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ފަލަސްތީނު އެއްކޮށް މިނިވަން ދައުލަތަކަށް ވަންދެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ހުށަހަޅުއްވައިފައެވެ.
ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ކޮމިޓީން ނިންމާނެ ކަމުގެ ފެހި ސިގްނަލް ދެއްވައިފައެވެ. ނަމަވެސް ފަހު ނިންމުން ނިންމާނީ ބަންޑާރަނައިބާ މަޝްވަރާކުރުމަށް ފަހު ކަމަށާއި، އޭގެ ފަހުން މި އިސްލާހާ މެދު ގޮތެއް ނިންމުމަށް އިތުރު ބައްދަލުވުމެއް މިއަދު މެންދުރުފަހަށް ތާވަލުކުރައްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.