މިއަހަރު ތެރޭ ދައުލަތަށް އާމްދަނީގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ ލިބުނު އިރު، ހަރަދުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމަައަށް ވަނީ 8،809.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އާމްދަނީއަށް ބަލާއިރު ޓެކްސްގެ ގޮތުގައި ވަނީ 6،990.4 މިލިއަން ރުފިޔާ ލިިބިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 7،968.2 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރާއި ިމއަހަރު ލިބުނު އާމްދަނީ އަށް ބަލާއިރު، މިއަހަރު މިވަނީ 10 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައެވެ.

މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދައުލަތުން ވަނީ 7،631 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ހަރަދުގެ ގޮތުގައި މުސާރައާއި އެހެނިހެން އިނާޔަތްތަކަށް 2،620.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ހިނގުމުގެ ހަރަދަށް ވަނީ 4،455.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ކުރި ހަރަދުތަކަށް ބަލާއިރު، ލޯން ދެއްކުމަށް ވަނީ 2،401.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯން ދެއްކުމަށް 845.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ވޭތުވެ ދިޔަ ތިން މަސް ދުވަުގެ ތެރޭގައި ދައުލަތުން 7.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މި އަހަރު ތެރޭ ހަރަދު ކުރަން ކަނޑައަޅާފައި ވަނީ 49 ބިލިއަން ރުފިޔާއެވެ.