އުމުރުން 60 އަހަރުވެފައިވާ އިސްރަށްވެހިންނަށް އެމީހުންގެ ރަށްރަށުގައި 60 ސީސީން ދަށުގެ ވެހިކަލްތައް ދުއްވުމަށް ހާއްސަ ހުއްދައެއް ދޫކުރުމަށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
މިގޮތަށް ޓްރާސްޕޯޓް މިނިސްޓްރީން ނިންމާފައިވަނީ އެއްގަމުގައި ދުއްވާ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުންނެވެ. އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން 60 އަހަރުން މަތީގެ މީހުން ވަކި ހާއްސަ ލައިސަންސެއް ނުވަތަ ހުއްދައެއް އެކަމަށް ނަގަން ޖެހޭނެއެވެ.
އެ ލައިސަންސް ދޭނީ ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށާއި އެ ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައް ކިޔައިދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެގޮތުން އުމުރުން ދުވަސްވީ މީހުންގެ ލައިސަންސް ނުވަތަ ހުއްދައިގައި ދުއްވޭނީ 60 ސީސީ އިން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް އަދި އުޅަނދުތައް އެކަނިއެވެ. އަދި އެފަދަ ހުއްދައިގެ ދަށުން 60 އަހަރުން މަތީގެ މީހުންނަށް ދުއްވޭނީ ހަމައެކަނި އެ ހުއްދަ ދޫކުރާ ރަށެއްގައި ކަމަށާއި އަދި ވެހިކަލް ދުއްވޭނީ ވެސް ހަމައެކަނި 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި ކަމަށް ބުނެފައި ވެއެވެ.
އެ އިސްލާހުގައި ބުނީ އެ ލައިސަންސް ދޫކުރާނީ 10 އަހަރަށް ކަމަށެވެ. އަލުން ލައިސަންސް ދޫކުރާނީ ތަމްރީނު ފުރިހަމަކުރުމުންނެވެ. އަދި އެއް ފަހަރަށް ވުރެ ގިނައިން ގަވާއިދާ ހިލާފުވެއްޖެނަމަ އެ ލައިސަންސް ބާތިލްކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
އިސްލާހުގެ ދަށުން އެގޮތަށް ހަމަޖެއްސި ނަމަވެސް، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ވެހިކަލް ދުއްވުމަށް ނަގާ ލައިސަންސް ނެގުމަށް މި ގަވާއިދު ހުރަސް އަޅާފައި ނުވެއެވެ.