ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން، 2026 އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާގެ ނޭވީ ފްލައިޓެއް ބޭނުންކުރަން ފަށައިފިއެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނާއި، ސިފައިންގެ މީހަކާއި ފުލުހުންގެ މީހެކެވެ. މި މީހުން ހޯދުމުގެ އޮޕަރޭޝަނުގައި އެމްއެންޑީއެފުން އަންނަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންނެވެ.

އެގޮތުން ފްލައިޓްރާޑާ އެޕްލިކޭޝަން ދައްކާ ގޮތުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޯއިންގް ޕީ-8 އޭ ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަރަށް ތިރިން މިއަދު ދަނީ އުދުހެމުންނެވެ. އެމެރިކާ ނޭވީ ވައިގެ އުޅަނދުން ސާޗު އޮޕަރޭޝަން ފެށީ މިއަދު މެންދުރު ފަހު 1:45 ގައެވެ. އެ އޮޕަރޭޝަން ކުރިއަށް އޮތް ފަސް ގަޑިއިރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން ހިއްސާކޮށްފައިވާ ފްލައިޓް މޮނިޓަރިން މައުލޫމާތަށް ބަލާއިރު، މި ފްލައިޓް ރާއްޖޭގެ މަތިން އުދުހެމުންދަނީ ގާތްގަނޑަކަށް 1،500 ފޫޓުގެ އުސްމިނެއްގައެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް ބޭރުގެ އެހީ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވަނީ މިދިޔަ ހަފްތާއެވެ.

ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމެރިކާގެ ނޭވީ އުޅަނދު

މި ހާދިސާގައި ދޯނި އަޑިއަށް ދިޔައީ 1600 މީޓަރަށް ވުރެ ފުން ސަރަޙައްދަކަށެވެ. މިއީ އާދައިގެ ސަބްމެރިންތަކަށް ވެސް އޮޕަރޭޓް ކުރެވޭ ވަރަށް ވުރެ މާ ފުން ސަރަހައްދެއްކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ހާދިސާގައި ސަލާމަތްވި މީހުން ދިން މަޢުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ ވަގުތު ކަނޑަށް ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފައެވެ. އޭގެ ތެރޭގައި ކޯސްޓްގާޑުގެ ހާބަރު ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި، އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި، ފުލުހެއްގެ އިތުރުން ތިން ފަޅުވެރިން ހިމެނެއެވެ. އޮގަސްޓް 14 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ.