ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ 59 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފިއެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި އެންމެ ފުރަތަމަ ބާއްވާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ. ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި އޮތް މި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ބައެއް ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް ވަނީ އެއާޕޯޓުގެ ތަރައްގީއަށްޓަކައި ސަރުކާރުން، ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެއާޕޯޓުގެ ތަރައްގީއަށްޓަކައި ވަރަށް މުހިއްމު ބޮޑެތި މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް ކަމަށާއި އެތަންތަން އޮޕަރޭޝަނަލައިޒްކޮށް، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން ކަމަށެވެ. އެގޮތުން އެއާޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ގައުމަށްޓަކައި އަގުހުރި ހިދުމަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި މުވައްޒަފުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ވީއައިއޭއަށް 59 އަހަރު ފުރުން ފާހަގަ ކުރުަމށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ހިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީވެގެންދާނެ އަހަރެއްކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ސްޓޭކްހޯލްޑަރުންނާއި، ފަސިންޖަރުން އުފާވާ ފަދަ ހިދުމަތްތަކެއް އެއާޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއްފެޅުމުގެ އިތުރުން އެކުވެރިކަމުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.

ވީއައިއޭއަށް 59 އަހަރު ފުރުން ފާހަގަ ކުރުަމށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

އަދި އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިޔަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް ހާއްސަ ގާލާ ނައިޓަކާއި، ވަން-ޑޭ ހޭންޑްބޯލް މުބާރާތެއްވެސް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައެވެ.