ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ރައްޔިތެކެވެ. އެއީ އެމްޑީ ރާޖް ރައްޒާކް (29 އަހަރު) އާއި މުހައްމަދު ތަރީގުލް (25 އަހަރު) އެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އިޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ގެއެއްގައި ހުރި ޓޭކްއަވޭ ތަނެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށްބެލެވޭ އެއްޗެއްހުރި ފުޅިއަކާއި، ނެނޯ ސްޓިކް އަދި ކާޓްރިޖްތަކެއް ފެނިފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށް އަތުލައިގަތް ތަކެތި

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ފާއިތުވި ހަފްތާވެސް ވަނީ ބިދޭސީން ބަނގުރާ ގެންގުޅެމުންދިޔަ މައްސަލަތަކެއްގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އެއީ މި މަހުގެ ހަތަރު ވަނަ ދުވަހު ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ވޭނެއް ބަލައި ފާސްކޮށް 75 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ބިދޭސީއެއްގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު 54 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ ބިދޭސީންނެވެ.

މީގެ އިތުރުން ވެސް 43 ބަނގުރާ ފުޅިއާއެކު 22 އަހަރުގެ ދިވެހި ޒުވާނަކު ވަނީ މި މަހުގެ ފަސްވަނަ ދުވަހު ވެސް ހައްޔަރު ކޮށްފައެވެ. ބަނގުރާ ގެންގުޅެމުންދާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި ފުލުހުން ދަނީ އެކަމަށް ހާއްސަކޮށް އެކި އެކި އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ. ނަމަވެސް މިހާރަކަށް އައިސް މިފަދަ މައްސަލަތަކުގައި އުޅޭ ބިދޭސީންގެ އަދަދު ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންކަން ފާހަގަކޮށްލެވެއެވެ.