މުލިއާގޭ ބަޖެޓުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭނުންފުޅަށް ކޮށްފައިވާ ހަރަދެއް ކަމަށް ބުނެ ފަތުރާފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއްކަމަށް މުލިއާގޭގެ މިނިސްޓަރު އިގްބާލް އާދަމް ވިދާޅުވެއްޖެއެވެ.
އިގްބާލް މިފަދައިން ވިދާޅުވެފައިވަނީ ރައީސްގެ އެއް ދުވަހުގެ ފަރީއްކޮޅަށް އެކަނި 9،000 ރުފިޔާ ހޭދަވާ ކަމަށްބުނެ 13 އޮންލައިން އިން ފަތުރާފައިވާ ހަބަރަކާ ގުޅިގެންނެވެ. އެގޮތުން އެ ހަބަރުގައި ވަނީ މި ހަފްތާ ބަންދުގައި އާރަށަށް ގެންދަން ގަތް ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވާކަމަށް ބުނެފައެވެ.
އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މުލިއާގެ / އާރަށުގެ ނަމުގައި ހަދާފައިވާ އެ ރަސީދަށް ދައްކާފައިވަނީ ނަގުދު ފައިސާއެވެ. ނަމަވެސް މި ހުރިހާ ވާހަކައެއް ދޮގު ކުރައްވާ އިގްބާލް ވިދާޅުވީ ކުރީގެ އެކިއެކި ރައީސުން ރަސްމީ ބަޖެޓުން ފަރީއްކޮޅާއި އެޒާތުގެ ކަންކަމަށް ކުރައްވާ ހަރަދުތަކާއި، މިހާރުގެ ރައީސް ހުވާކުރެއްވި ހިސާބުން ފެށިގެން ކުރައްވާ ހަރަދުތައް އެތައް ގުނައެއް ކުޑަވާނެކަމަށެވެ.
އިގްބާލް އިތުރަށް ވިދާޅުވީ ހުރިހާ ހަރަދެއްވެސް ކުޑަވާނެގޮތަށް ބައްލަވައިގެން ކަންކަން ކުރެއްވުމަށް ރައީސް އަބަދުވެސް އިރުޝާދު ދެއްވާކަމަށާއި، މުލިއާގޭގެ ހަރަދުތައް ބަލަހައްޓަމުން ދަނީވެސް އެ އުސޫލުން ކަމަށެވެ.
ހަރަދުތައް ކުޑަކުރެއްވުމަށް ރައީސް މުއިއްޒު އެކިއެކި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ މިފަދަ ދަނޑިވަޅެއްގައި މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ ރައްޔިތުންގެ މެދުގައި ފަސާދަ އުފެދޭނެ ކަމެއްކަން ފާހަގަކުރައްވާ އިގްބާލް ވަނީ މިފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.