މާލެ ސަރަހައްދުގައި 103،300 ސައިކަލާއި 7505 ކާރު ދުއްވާ ކަމަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭ އަދަދާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ހެދި ދިރާސާގެ ރިޕޯޓުން ދައްކައިފިއެވެ.
މާލެ ސިޓީ ކައުންސިލާއެކު އިސްލާމިކް ޔުނިވާސީޓީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވެފައިވާ އެއްބަވުމާ އެއްގޮތަށް ހަދާފައިވާ ދިރާސާ އިއްޔެ ވަނީ އާންމުކޮށްފައެވެ. މާލެ ސިޓީ ކައުންސިލްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ މި ދިރާސާ އާންމުކޮށް މާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދު މަދުކުރުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަން ނިންމާފައެވެ.
އެ ދިރާސާ ރިޕޯޓުގައި ވާ ގޮތުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މި ވަގުތު ދުއްވާ ވެހިކަލްތަކުގެ ޖުމްލަ އަދަދަކީ 119،472 އެވެ. އޭގެ ތެރެއިން 92.7 ޕަސެންޓަކީ މޮޓޯ ސައިކަލު ކަމަށާއި އެއީ 103،300 ސައިކަލު ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މި ވަގުތު 7،505 ކާރު ދުއްވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މި ވަގުތު މާލޭގައި އެންމެ ގިނަ ވެހިކަލަކީ ސައިކަލާއި ކާރު ކަމަށާއި އެ ދެ ވައްތަރުގެ އުޅަނދުތަަކށް އަމާޒުކޮށްގެން ކުރިއަށް އޮތް 10 އަހަރު ތެރޭގައި ފިޔަވަޅުތަކެއް އެޅުމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ސަބަބުން މަގުތަކަށް ބާރުބޮޑުވުން ކުޑަކުރެވޭނެ ކަމަށާއި ޕާކިންގެ މައްސަލަ ހައްލުކޮށް އަދި ވައި ތަޣައްޔަރުވުން ކުޑަކުރެވޭނެ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. ޕާކިން މައްސަލަ ހައްލު ކުރުމަށް ޕާކިން ފީ ނެގުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.
މާލެ ސަރަހައްދުގައި ވެހިކަލް އިތުރުވާ ސަބަބުތަކުގެ ތެރޭގައި މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ މާ ބޮޑަށް އިތުރުވުމާއި، ބޭނުންކޮށްފައި ހުންނަ ވެހިކަލް ރާއްޖެއަށް އިމްޕޯޓްކުރާ ވަރު އިތުރުވުމާއި، ފަސޭހައިން ވެހިކަލް ނެގޭނެ ފައިނޭންސިން ސްކީމްތައް ހުރުން ހިމެނެއެވެ. ހަމައެއާއެކު ރޯޑްވާދިނެސްގެ ކަންކަން މޮނިޓާނުކުރެވުމާއި، ހަމައެއް ލަމައެއް ނެތި މަގުތައް މަތީގައި ވެހިކަލް ޕާކްކުރެވުމާއި، ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީގެ ހިދުމަތުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
އެގޮތުން މި ސަރަހައްދުގައި ބޭނުންކުރެވޭނެ ސައިކަލާއި ކާރުގެ ލިމިޓެއް ކަމަށް ކަނޑައަޅަން ފެންނަނީ 51،904 ކަމަށް އެ ދިރާސާގައި ބުނެފައި ވެއެވެ. މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ ލިމިޓެއް ކަމަށް ކަނޑައަޅަން ފެންނަނީ 89،413 އުޅަނދު ކަމަށް ވެސް އެ ދިރާސާގައި ބުނެފައި ވެއެވެ
މި ރިޕޯޓާ ގުލޭ ގޮތުން މަޝްވަރާ ކުރުމަށް އިއްޔެ މާލެ ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ވިދާޅުވެފައި ވަނީ، އެމާލެ ސަރަހައްދުގައި ބޭނުންކުރާ އުޅަނދުތަކުގެ އަދަދު 25 ޕަސެންޓަށް ދަށްކުރުމަކީ ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އޮންނަންޖެހޭ ކަމަށާއި އާންމުންގެ ހިޔާލަށް ހުޅުވާލުމުން އެކަމުގައި ކުރިއަށްދާންވީ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ފަސޭހަވާނެ ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި ފާސްކުރީ އެ ރިޕޯޓަށް ހިޔާލު ހޯދަން އެ ރިޕޯޓު އާންމު ކުރުމަށެވެ. އަދި އާންމުންގެ ހިޔާލަށް ހުޅުވާލުމަށާއި، ހިޔާލު ހޯދުމަށް ދެ ހަފްތާގެ މުއްދަތެއް ދިނުމަށެވެ.