ރާއްޖެއަށް ގޭސް އެތެރެ ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.
މޯލްޑިވްސް ގޭހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުން ވާހަކަ ސަމާލުކަމަށް އައިސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
އެގޮތުން ނާޒިމް ވިދާޅުވީ ގޭސް ރާއްޖެއަށް އައިސްފައި ނެތްކަމަށާއި، މިފަދަ ކަންކަން ހިނގަމުންދާތީ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ.
އޭސީސީއިން މި މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަން ހާމަކޮށްފައިވީ ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފޯރުކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މޯލްޑިވް ގޭހަކީ މީގެ ކުރިންވެސް ކޮރަޕްޝަންގެ އެކި މައްސަލަތައް ފެންމަތިވެފައިވާ ކުންފުންޏެކެވެ. އެގޮތުން މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 ރުފިޔާ ނަގާފައިވާ މައްސަލައެއް ބެލުމަށްފަހު މާނުގެ މައްޗަށް 7 ދައުވާއެއް ކޮށްދިނުމަށް އޭސީސީން ވެސް އެދިފައިވެއެވެ. ނަމަވެސް އެ ތުހުމަތުތައްނއޭރު އޭނާ ވަނީ ދޮގުކޮށްފައެވެ.
މާނުގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވިއިރު 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު މާނު ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ފުރިއިރު ވެސް ބޮޑެތި ތުހުމަތުތަކަކާ އެކު މައްސަލަތަކެއް އޮތީ އޭސީސީއަށް ހުށަހަޅައިފައެވެ.