އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިޔެކޭ ވެސް އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ދާނެ ކަމަށް، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ރަމަޟާން މަހުގެ ފަހު 10 ގެ ޗުއްޓީ އާއި އީދު ބަންދަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާ ނިންމަވާލައްވަމުން އެ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނާޒިމް ވަނީ އިތުރު ޖަލްސާއެއް ބާއްވާނެ ތާރީހެއް ފަހުން އިއުލާނުކުރެއްވާނެ ކަން ހާމަކުރައްވައިފައެވެ. އެކަމަކު އެހެން އިއުލާނުކުރެއްވި ސަބަބެއް އޭރު ހާމަ ނުކުރައްވައެވެ.
ނާޒިމް 'ދަ ޕްރެސް' އަށް މިއަދު ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތްތައް ނިމެމުންދާ ވަރަކުން ޖަލްސާތައް ތާވަލުކުރަމުން ދާ ކަމަށާއި، އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިޔެކޭ އެއްގޮތަށް ޖަލްސާތައް ބާއްވާނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އިއްޔެ އާއި މިއަދަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައި ނެތް ނަމަވެސް ބައެއް ކޮމިޓީތަކުން ބައްދަލުވުން ބާއްވައި ކޮމިޓީ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން އިއްޔެ އާއި މިއަދު މާލިއްޔަތު ކޮމިޓީން ބައްދަލުވުންތައް ބޭއްވިއިރު، ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުންތައް މިއަދު ބޭއްވިއެވެ.
އިއްޔެ 'ދަ ޕްރެސް' އިން ސުވާލުކުރުމުން، މަޖިލިސް ޗުއްޓީ އަށް ދިޔައިރު، ޗުއްޓީގެ ކުރިން ހުށަހެޅިފައި ހުރި ބައެއް ގަރާރުތަކާއި ބިލުތަކާއި މައްސަލަތައް އެބަހުރި ކަން، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ފާހަގަކުރައްވާފައިވެއެވެ.
މީގެ ކުރިން ވެސް ކޮމިޓީތަކުގެ މަސައްކަތްތަކަށް ޖާގަ ދިނުމުގެ ގޮތުން ޖަލްސާތައް ނުބާއްވައި ކޮމިޓީތަކުގެ މަސައްކަތްތަކަށް ފުރުސަތު ދީފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ މުއްދަތު ހަމަވާނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އަންނަ މަހުގެ 15 ގައެވެ.