މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

މި މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައި ވަނީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރުއޫ ހިންގުމަށް ދީފައިވާ އަގަކީ 144.5 މިލިޔަން ރުފިޔާއެވެ. މި މަޝްރުއޫގެ ދަށުން މަގުގެ 830 މީޓަރުގެ ސަރަޙައްދުގައި ތާރުއަޅާނެ އެވެ.

މީގެ އިތުރުން މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުންވެސް ހިމެނެއެވެ.

މި މަސައްކަތް ކުރާނީ ސަރުކާރުގެ ބަޖެޓުން ކަމަށާއި މި އަހަރު ތެރޭ މަސައްކަތް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ސަރަހައްދަކީ ކާރު ބާރު ބޮޑު ސަރަހައްދެއް ނަމަވެސް ދަތުރުފަތުރު ކުރަން އުނދަގޫ ސަރަހައްދެކެވެ. އެހެންކަމުން މި މަޝްރޫއާއެކު އެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.