މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ އަދަދު މަދުކުރުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މިގޮތަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭ އަދަދާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ހެދި ދިރާސާގެ ރިޕޯޓުގައި ވާ ކަންކަމާ މެދު މަޝްވަރާކުރުމަށް ފަހުއެވެ. މި ދިރާސާ ކުރުމަށް އިސްލާމިކް ޔުނިވާސިޓީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ރިޕޯޓުގައިވާ ގޮތުންގައި މިހާރު މާލެ ސަރަހައްދުގައި 199،472 އުޅަނދު ދުއްވަމުން އައި ނަމަވެސް މާލެ ސަރަަހައްދުގެ މަގުތަކާއި އެހެނިހެން ވަސީލަތްތައް ހުރި ގޮތުން މި ސަރަހައްދަށް އެކަށީގެންވަނީ 89،000 އުޅަނދު ކަމަށެވެ.
މި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ވިދާޅުވީ، އެ ރިޕޯޓުގައިވާ ގޮތުން، މާލެ ސަރަހައްދުގައި ބޭނުންކުރާ އުޅަނދުތަކުގެ އަދަދު 25 ޕަސެންޓަށް ދަށްކުރަން ޖެހޭ ކަމަށެވެ. ކުއްލިއަކަށް މާލެ ސަރަހައްދުން އެހާ ގިނަ އަދަދެއްގެ އުޅަނދުތައް މަދުކުރުމަކީ ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަން ކަމަށް ސައިފް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިކަމުގައި އާނމްުނގެ ވިސްނުމެއް ހޯދުމަކީ މުހިއްމު ކަމެއް ގޮތުގައި ސައިފް ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އޮންނަންޖެހޭ ކަމަށާއި އާންމުންގެ ހިޔާލަށް ހުޅުވާލުމުން އެކަމުގައި ކުރިއަށްދާންވީ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ފަސޭހަވާނެ ކަމަށެވެ.
އެގޮތުން މިއަދުގެ ބައްދަލުވުމުގައި ފާސްކުރީ އެ ރިޕޯޓަށް ހިޔާލު ހޯދަން މާދަމާ އެ ރިޕޯޓު އާންމު ކުރުމަށެވެ. އަދި އާންމުންގެ ހިޔާލަށް ހުޅުވާލުމަށާއި، ހިޔާލު ހޯދުމަށް ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ.