ފޯނެއް ވަގަށްނަގައި 50،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ޅޮހީ، ފެހިވިނަ، އަބްދުﷲ ސާއިފް (25އ) އެވެ.

ސާއިފް ހައްޔަރުކޮށްފައިވަނީ މީހެއްގެ ފޯނު ވަގަށްނަގައި އެ މީހާގެ އެކައުންޓުން ފައިސާ ޓްރާންސްފާކުރި މައްސަލައާ ގުޅިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސާއިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަސްޖަހާފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ސާއިފް ވަނީ މީހެއްގެ ފޯނު ވަގަށް ނެގުމަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި ފައިސާ ޓްރާންސްފާކޮށްފައެވެ. އަދި ވަގަށްނެގި ފޯނުން ފައިސާ ޓްރާންސްފާކޮށްފައިވަނީ ސާއިފްގެ އެކައުންޓަކަށްކަން މިހާތަނަށް ކުރިއަށް ގެންދިޔަ ތަހުގީގުން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.