މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހއްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބުބުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މާލެއަށް މިއަދު ހެނދުނު 10:30 ހާއިރު ވެހެން ފެށި ވާރެއާ އެކު ވަނީ މަގުތައް ފެންބޮޑުވެފައެވެ. މިއަދު ކުރި ވިއްސާރައިގައި މާލެ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ގުގުރާފައި ވެސް މެއެވެ.

ވިއްސާރަވެ މާލެ ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މާލޭގެ 3 ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތެރިވަމުން އަންނަ އިރު، އެ ސަރަހައްދަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.

ޕަންޕް ބަހައްތައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަނީ އައިޖީއެމްއެޗް ސަރަހައްދާއި، ވެސްޓް ޕާކް ސަރަހައްދު އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދެވެ. މި ސަރަހައްދުތަކުގައި ޕަމްޕުތައް ޖަހާ ފެން ހިންދުމުގެ މަސައްކަތުގެ އިތުރުން، ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިފައިން ދަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ އިދާރާއިން މޫސުން ލަފާ ކޮށް ވަނީ ކ. އަތޮޅުން ފެށިގެން ލ އަތޮޅަށް ވިއްސާރަ ކުރާނެ ކަމަށް ބުނެ މިއަދު މެންދުރު 2:00 އާ ހަމައަށް ޔެލޯ އެލާޓެއް ނެރެފައެވެ.

މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. ދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކޮށް ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި ހުންނާނެކަމަށް ލަފާކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރެވެހި މޫސުމް ގޯސްވެފައިވާއިރު ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ.ކައްދޫއަށެވެ.