އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފިއެވެ.

އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ވިދާޅުވީ ފިހުނު މީހާ އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި 2 މީހަކު ފިހިފައިވެއެވެ. އެގޮތުން ފިރިހެން މީހާގެ ހަށިގަނޑު 78 ޕަސެންޓް ފިހުނުއިރު އަންހެން މީހާގެ ހަށިގަނޑުގެ 83 ޕަސެންޓް ފިހުނެވެ.

އެ ހާދިސާ އާ ގުޅިގެން ފަރުވާ ދިނުމަށް 2 މީހުން ވެސް ވަނީ މާލެ ގެނެސްފައެވެ. އަދި އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް އަންހެން މީހާ ނިޔާވެފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދިނުމަށްފަހު އޭނާ ވެންޓިލޭޓަރުން ނަގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާގެ ހާލު "ކްރިޓިކަލް"ވުމާއެކު ވެންޓިލޭޓަރުން ނެގުމަށްފަހު ވެސް އޭނާއަށް ފަރުވާ ދީފައި ވަނީ އައިސީޔޫގައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.