ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ އަސްއަދު އަލީ، މ. ރިހިވިދުވަރުގެ / މާލެ (31އ) އެވެ.
ފުލުހުން ބުނީ އަސްއަދު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އޭނާ ބަންދުގައި ބަހައްޓައިގެންއޭޕްރީލް 16، 2025 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ.
އަސްއަދު އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުމަށްވަނީ އެދިފައެވެ.
މީގެ ކުރިން 2023 ވަނަ އަހަރުވެސް އަސްއަދު ހޯދަން ފުލުހުން އިއުލާންކޮށްފައިވާއިރު ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އަސްއަދުގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުންތަކެއް ބޭއްވުމަށް އެކި ފަހަރުމަތިން ތާވަލުކޮށްފައިވެއެވެ.