މުއްދަތެއް ނެތް ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަސްކޮށް، ދެން ޖަލްސާއެއް ބާއްވާނެ ތާރީހެއް ފަހުން އަންގާނެ ކަމަށް ރިޔާސަތުން އިއްޔެ ހާމަކޮށްފިއެވެ.

ނިމިދިޔަ ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ ޗުއްޓީ އާއި ފިތުރު އީދު ބަންދުގެ ޗުއްޓީއަށް ފަހު ބޭއްވި މި ހިނގާ ދައުރުގެ ފުރަތަމަ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ، ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށް އިއުލާނުކުރައްވާނެ ކަން ހާމަކުރައްވައިފައެވެ.

ނަމަވެސް އެހެން އިއުލާނުކުރެއްވި ސަބަބެއް އިއްޔެ ހާމަ ނުކުރައްވައެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން ސުވާލުކުރުމުން ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވީ، ޗުއްޓީއަށް ފަހު އިއްޔެ މަޖިލީހުގެ ޖަލްސާތައް ފެށުނު އިރު، ޗުއްޓީގެ ކުރިން ހުށަހެޅިފައި ހުރި ބައެއް ގަރާރުތަކާއި ބިލުތަކާއި މައްސަލަތައް އެބަހުރި ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ޖަލްސާތައް ކޮންމެ ދުވަހަކު ކުރިޔަށް ނުގެންދިޔަ ކަމުގައި ވިޔަސް ކޮމިޓީތަކުގެ މަސައްކަތްތައް ހިނގާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑަށް ހީވަނީ އެގޮތުން ކޮމިޓީތަކުގެ މަސައްކަތްތައް ނިމިގެން އަނެއްކާ ފްލޯ އަށް އަންނަން ޖެހޭ މައްސަލަތައް ހުރުމާ އެއްކޮށް ބޮޑަށް އެގޮތަށް ވިސްނަވާފަ ކަންނޭނގެ ނައިބު ރައީސް (ނާޒިމް) އެހެން އެ ވިދާޅުވީ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިކަމުގައި ނާޒިމްގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި މިއަދަށް ޖަލްސާއެއް ތާވަލުކޮށްފައި ނެތް ނަމަވެސް، 11 ޖަހާއިރަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްފައި އެބައޮތެވެ.

މީގެ ކުރިން ވެސް ކޮމިޓީތަކުގެ މަސައްކަތްތަކަށް ޖާގަ ދިނުމުގެ ގޮތުން ޖަލްސާތައް ނުބާއްވައި ކޮމިޓީތަކުގެ މަސައްކަތްތަކަށް ފުރުސަތު ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ މުއްދަތު ހަމަވާނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އަންނަ މަހުގެ 15 ގައެވެ.