ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، 4 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވާފައި މިވަނީ ކުރިން ތިއްބެވި ހަތަރު މެންބަރުންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އެ ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމް، ނައިބު ރައީސް އާޝިޔަތު ޝިއުނާ، މެންބަރު ޝުއައިބު އަބްދުއްރަހްމާންގެ އިތުރުން މެންބަރު އާމިނަތު ޝާދިޔާއެވެ.
މި ހަތަރު މެންބަރުންނަކީ ވެސް މިދިޔަ ސަރުކާރުގެ ދުވަސްވަރު އޮކްޓޫބަރު 26، 2020 ގައި އައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ. ކޮމިޝަންގައި ދެން އިންނަވަނީ މަރްޔަމް އިންޝާ ފައިސަލެވެ. އޭނާ އެ ކޮމިޝަނަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 16 ގައެވެ. އެއާއެކު ދައުރު ހަމަވި ފަރާތްތަކުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ މިވަނީ ހަތަރު ބޭފުޅަކު އައްޔަންކުރައްވާފައެވެ. އެ 4 މެންބަރުންނަކީ:
- ޝުއައިބު އަބްދުއްރަހްމާން
- ޝިފާޒު އަލީއާއި
- އަލީ މުހައްމަދު މަނިކު
- ފާތިމަތު ޝަރީފް
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.
ކޮމިޝަނަށް މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ދޭ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
