މާލޭގެ ގެއެއްގެ ވެރިމީހާ އަށް ބިރުދައްކައި، އަނިޔާކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުން ދޫކޮށްލައިފިއެވެ.

ގަލޮޅުގައި ހުންނަ އެ ގޭގެ ވެރިމީހާ އަށް ބިރުދައްކައި އިންޒާރު ދީފައިވާ މައްސަލައެއްގައި މި ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އެ ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ.

ކޯޓުން މިއަދު އެ ހަތަރު މީހުން ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން ދައުލަތުން އެދިފައި ވަނިކޮށެވެ. އެގޮތުން މައްސަލައިގެ ހެކި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ގާޒީ ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ:

  • އަލީ ނަވާފު، 21، (ފަޒާ، ތ. ގުރައިދޫ)

  • މުހައްމަދު އަޒާން، 23، (ހަވޭލީ، ނ. މަނަދޫ)

  • އިބްރާހިމް އަހުނަފް، 21، (އެލަސް، ނ. ވެލިދޫ)

  • މުހައްމަދު އަފްލާހު، 23، (ރީތިހިޔާ، އއ. މާޅޮސް)

މި މީހުން އެ ގޭގެ ވެރިފަރާތަށް އަނިޔާކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެގޮތުން ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އެކަކު ހިފަހައްޓައިގެން ހުންނައިރު އިތުރު މީހަކު ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާތަން ފެނެއެވެ.

ނަމަވެސް މި މީހުން ވަނީ އެއްވެސް މީހަކަށް ގެއްލުން ދީފައިނުވާނެ ކަމަށާއި އެ ގެއަށް ދިޔައީ ގެ ސާފުކޮށްދޭން ކަމަށް ބުނެފައެވެ.