18 ރަށެއްގައި 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ގާއިމުކުރަން ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝިޖިއާޒުއާން ކެލިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ގައުޑިއަން ނަންޖިން އޮޓޮމޭޝަން ކޯ ލިމިޓެޑް އަދި ސިނޯ ސޯއާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި ކެލިން އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖާ ވަންގް ޔޮންގެވެ.
މިއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއާ) ޕްރޮޖެކްޓް ގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމްކުރާ ރަށްތައް:
- ހދ. ހަނިމާދޫ - 2000 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ށ. މިލަންދޫ - 2500 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ނ. ހޮޅުދޫ - 1500 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ނ. މަނަދޫ - 3000 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ނ. ވެލިދޫ - 3000 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ރ. އަލިފުށި - 2000 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ރ. ހުޅުދުއްފާރު - 1500 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ބ. ދަރަވަންދޫ - 2500 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ބ. ތުޅާދޫ - 3000 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- މ. މުލައް - 2000 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- މ. މުލީ - 2000 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- މ. ވޭވައް - 500 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- މ. ރަތްމަންދޫ - 500 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ތ. ގުރައިދޫ - 2500 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ތ. ތިމަރަފުށި - 3000 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ގއ. މާމެންދޫ - 1000 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ގދ. ފަރެސްމާތޮޑާ - 3000 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
- ގދ. ގައްދޫ - 2500 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
އެންވާރަމަންޓް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރު ކުރުން ކަމަށެވެ. ހަމައެއާއެކު ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށް ދިނުމާ އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގަ އާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ހަރުކުރުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ހަރަދު ސަލާމަތްކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.