އިޒްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ވަނުން މަނާކުރުމަށް ހުށަހެޅިފައިވާ ބިލުގެ މަސައްކަތް ލަސްވަމުންދާތީ، އެކަން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދާ ހިލާފުކަމަށް ނިންމައި ބޭރުކޮށްލައިފިއެވެ.

އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ވަނީ އިޒްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ހުށަހަޅައިފައިވާ ބިލާމެދު ގޮތެއް ނުނިމި ލަސްވަމުން ދާތީ ކަންބޮޑުވުންފާޅުކޮށް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު, ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހްމަދު ނަސީމު އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހެޅުމާއެކު ހަމަ އެ ދުވަހު ވަޒީރުންގެ މަޖިލީހުން އެކަން ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް މިކަމުގައި އަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ. އިތުރަށް މައުރޫފް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލައިގައި ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާފަދަ މުހިންމު ކަމެއް ކުއްލިއަކަށް ދިމާވުމުން، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ މައްސަލައަކަށް ވާންޖެހޭނެކަމަށެވެ. އަދި އެ މައްސަލައަކީ ސަރުކާރުން އެކަމާމެދު ފިޔަވަޅު އަޅާފައިނުވާތީ، ނުވަތަ އަޅާފައިވާ ފިޔަވަޅަކާމެދު ފާޑުކިޔުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ވާންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މައުރޫފް ހުށަހެޅުއްވި މައްސަލައިގައި މި ޝަރުތުތައް ފުރިހަމަނުވާތީ، މި މައްސަލަ މަޖިލީހަށް ބަލައިގަނެވެން ނެތްކަމަށް ރިޔާސަތުން ވަނީ ނިންމާފައެވެ.

މީގެ ކުރިންވެސް އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ އެކި ފަހަރު މަތިން އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުަށަހަޅާފައިވާއިރު ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި މެންބަރުން ވަނީ އެ މައްސަލަ ފާސްކުރުމަށް ނުފެންނަކަމަށް ނިންމާފައެވެ.