މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

މުހައްމަދު ޖަލާލް ނަމަކަށް ކިޔުނު ފަރާތަކުން ފައްޓާފައިވާ މި ޕެޓިޝަނުގައި ވަނީ މާލީ ގޮތުން އިގްތިސޯދަށް ދަތިވެފައިވާ މި ދަނޑިވަޅުގައި މެމްބަރުންނަށް ދޭ ބޮޑު މުސާރަ އާއި ކޮމެޓީ އެލަވަންސް އަދި ޕްރިމިއަމް ހެލްތު އިންޝުއަރެންސް އަކީ ކަންބޮޑުވާ ކަމެއް ކަން ފާހަގަކޮށް ބޮޑު މުސާރަ އާއި އެލަވަންސްތައް ކަނޑާލުމަށް ގޮވާލާފައެވެ. މަޖިލިސް މެމްބަރުންނަށް ލިބިގެންދާ އާސަންދައިގެ ހިދުމަތަކީވެސް އާންމު އެހެން ރައްޔިތުންނެކޭ އެއްފަދައިން ލިބިގެންދާ ހިދުމަތަކަށް ހެދުމަށްވެސް އެ ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ރާއްޖޭގެ އިގްތިސާދު ދަށްވަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ލިބޭ މުސާރައާ ނުބައްދަލު އާމްދަނީއެއް ދިނުމަކީ ބޭއިންސާފެއް ކަން ފާހަގަކޮށް އެ ޕެޓިޝަނުގައި ވަނީ މިހާރަށް ވުރެ ޒިންމާދާރުކަމާއެކު ރައްޔިތުންގެ ފައިސާއިން ހަރަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުންގެ މެމްބަރުންނަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 82،500 ރުފިޔާ ލިބޭއިރު، މިދިޔަ 19 ވަނަ މަޖިލީހުގައި މެންބަރުންނާއި ދައުލަތުގެ ވެރިންގެ މުސާރަ ބޮޑުކުރަން ވެސް ވަނީ މަޝްވަރާތަކެއް ކޮށްފައެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމަށާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ 50 ޕަސެންޓް އުނި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިއެވެ. ނަމަވެސް ގާނޫނު މިހާރު އޮތް ގޮތުން އެކަން ކުރެވެން ނެތް ކަމަށް މާލިއްޔަތު ކޮމިޓީ އިން ވަނީ ނިންމާފައެވެ.