ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމީ ދިފާއީ ބާރުން އިންތިޒާމުކުރި "އީދު ހަވީރު 1446" ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއިން ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހަވީރު، އާންމުންނަށް ހުޅުވާލައިގެން، ސަލްޓަންޕާކާއި، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ވަނީ ސަންގު ފުމެފައެވެ. އެއަށްފަހު އެމަނިކުފާނާއި އާއިލާއިން ވަނީ، އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކުރައްވާފައިވާ ސްޓޯލްތައް ބައްލަވާލައްވާފައެވެ.
އެއަށްފަހު އިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، އީދު ހަވީރަށް ތައްޔާރުކޮށްފައިވާ ހާއްސ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި، އެ ހަވީރަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެއެވެ.
ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަށް ރާއީސް ހާއްސަ އިސްކަމެއް ދެއްވާއިރު އީދު ފަދަ އިސްލާމީ މުނާސަބަތުތައް އިހުތިފާލުކުރުމުގެ ސަބަބުން ހާއްސަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ރައީސް ދެކެވަޑައިގަންނަވައެވެ.