ކުރިއަށް ހުރި އަހަރުތަކުގައި ދެކުނު އޭޝިއާގެ އެންމެ ޒަމާނީ އަދި ތަންފީޒީ ފުލުހުންގެ ހިދުމަތަށް ރާއްޖޭގެ ފުލުހުންގެ ހިދުމަތް ހެދުމަށް ސަރުކާރުން ބޭނުންވާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ދިވެހީންނަށް އަމާންކަމާއި ރައްކާތެރިކަން ލިބިދީ، އުސޫލުތަކުގައި ހިފަހައްޓައި، ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖުތަމައެއް ބިނާކޮށް ދެމެހެއްޓުމަށްޓަކައި ފުލުހުން އަބަދު ވެސް ތައްޔާރުވެގެން ތިބެން ޖެހޭނެ ކަމަށެވެ.
ފުލުހުންނާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފުލުހުން ބޮޑެތި ގުރުބާނީތަކެއްވެ، މުޖުތަމައުގައި އަމަން އަމާންކަން ގާއިމްކުރުމާއި ކުށުގެ ވެށިން މުޖުތަމައު ސަލާމަތްކޮށްދިނުމުގައި ލިބިފައިވާ ތަމްރީނާއި ތަޖުރިބާގެ ބޭނުން ހިފައި ފުލުހުން އެތައް ކާމިޔާބެއް ހޯދާފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ ފުލުހުން އަބަދުމެ ދެމި ތިބެނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމާއި، ފުލުހުންގެ އާއިލާތަކުން ފުލުހުންނަށް ދޭ އެއްބާރުލުމާއި ހިތްވަރު ރައީސް ފާހަގަކުރެއްވިއެވެ.
"ފުލުހުންގެ އާއިލާތަކަށް އަޅުގަނޑުގެ ހިތުގައި ވަނީ ނުހަނު ފުން އިހްތިރާމަކާއި ލޯތްބެކެވެ." ރައީސްގެ ހިތާބުގައި ވެއެވެ.
މި ހިތާބުގައި ރައީސް ވަނީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތައި ފުލުހުން އާންމުންނަށް ނަމޫނާ ދެއްކުމަށާއި، އާންމުންނާ ރިވެތި ގޮތުގައި މުއާމަލާތުކޮށް އަހްލާގު ހިފެހެއްޓުމަށާއި، އާންމުން ހޭލުންތެރިކޮށް ވިސްނައިދީ ރަނގަޅު މަގަށް މަގުދައްކައިދިނުމަށް ފުލުހުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
ފުލުހުންގެ ގައުމީ ހިދުމަތަށް 100 އަހަރު ވާން ބާކީ އޮތީ އަށް އަހަރެވެ. އެ ދުވަހާ ހަމަޔަށް ދާންވާއިރު، މާތް ﷲ ގެ ތަނަވަސް ރަހްމަތްފުޅާއި މިންވަރުފުޅާ އެކު، މި ސަރަހައްދުގެ އެންމެ ޒަމާނީ، އެންމެ އިތުބާރު ހުރި، އެންމެ އޯގާތެރި، އެންމެ ތަންފީޒީ ފުލުހުންގެ ހިދުމަތް ދިވެހިރާއްޖޭގައި އޮންނަން އަޅުގަނޑުމެން ބޭނުންވެއެވެ.
ހިތާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، ހުރިހާ ފުލުހުން ވެސް ކޮށްފައިވާ ހުވަޔަށް ވަފާތެރިވެ، ދީނަށް ހުރުމަތްތެރިކޮށް ހިތައި، އާންމުންނަށް އޯގާތެރި، ވާޖިބުތައް އަދާކުރުމަށް ފަރުވާތެރިވުމަށް ފުލުހުންގެ ކިބައިން އިލްތިމާސްކުރައްވައިފައެވެ.