ދިވެހި ރާއްޖޭގެ ރައްޔަތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައިސް ވިދާޅުވީ، ރަމަޟާން މަހުގެ ހެޔޮ ދަރުމަ އާއި ސަވާބު އެންމެންނަށް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ. އެއާއެކު ބަރަކާތްތެރި ފިތުރު އިޑޫގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށާއި އީދު މުބާރީކް ކަމަށް ރައީސް ވިދާޅުވިއެވެ.
މާދަމާއަކީ މިއަަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅުއްވައި، އިއުލާންކުރުމަށް ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހަނދާ ބެހޭ ބަޔާން އިއްވަވާފައެވެ.
އެ ބަޔާނުގައި ޝަހީމް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެނުނު ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ސާބިތުވެފައިވާކަމުގެ ހަބަރު ރަސްމީކޮށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މާރިޗު 30 ވާ އާދީއްތަ ދުވަހަކީ ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި އަދި އެ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅުއްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ އާއި އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ވަނީ މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަސްކަމަށް ކަނޑައަޅާފައެވެ.