މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ 14 ތަނެއް މި އަހަރުގެ މިހާތަނަށް ބަންދުކޮށްފިއެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، އަހުމަދު ނާއިފް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަހަރުގެ މާޗު 15 ވަނަ ދުވަހާ ހަމައަށް އެފަދަ 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ. އަދި މިވަގުތު މާލޭގައި މިފަދަ 6 ތަނެއް އަދިވެސް އޮޕަރޭޓްވަމުންދާ ކަމަށާއި އެތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާތަނަށް މާލެއިން 60 އަށްވުރެ ގިނަ ތަނެއް ފާހަގަކުރެވިފައިވާކަމަށާއި މިފަދަ ތަންތަން ބަންދުކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ނާއިފް ވިދާޅުވިއެވެ. އެގޮތުން ގޭގެ ބެހެނިވެރިން އިތުރުވުމާއި އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ދަތިތައް ނާއިފް ވަނީ ފާހަގަކުރައްވާފައެވެ.
ނާއިފް ވިދާޅުވީ މިފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތައް ކަމަށެވެ. އަދި އެކަން ހައްލުކުރުމަށްޓަކައި މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އިސްލާހުތަކުގެ ތެރޭގައި މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަން މުހިންމުކަން ފާހަގަކޮށް ފުލުހުން ބުނީ އާއިލީ މީހަކު ނަމަވެސް އޭނާ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައި އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދިނުމާއި ގެތައް ކުއްޔަށްދޭއިރު ސަމާލުވުމަކީ ކުރެވިދާނެ ކަންކަން ކަމަށެވެ. އަދި ކުއްޔަށް ދީފައިވާ ތަންތަނުގައި މިފަދަ އަމަލެއް ހިންގާކަން ފާހަގަވާނަމަ، ވަގުތުން އެކަން ހުއްޓުވުމަކީ ގާނޫނުތަކުން އެތަނުގެ ވެރިފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.