"އެކަމަކު އޭގެ ބަދަލުގައި އަހަރެން އިކާންގެ ފަރާތުން ބޭނުންވާ ކަމެއް އެބައޮތް..." ޒުމްރާގެ އަތުގައިވާ ދަޅު ކަނޑާލަމުން އޭނާ ބުނި ޖުމްލައިން އިކާންގެ ނަޒަރުގޮސް ހުއްޓުނީ ސީދާ ޒުމްރާގެ މޫނަށެވެ. "ކޮންކަމެއް؟..."

"އިކާނާ އަހަންނާ.. ޔޫ ނޯ ވަޓް އައި މީން... އަހަރެންގެ އަމިއްލަ ޕާސަނަލް ލައިފެއް އެބަ އޮތް އެކަމާ އިކާން ބެހިގެން ނުވާނެ... އަހަރެން ބޭނުންވީމަ އިކާނަށް ގުޅާނަން... އިކާންގެ ފަރާތުން އަހަރެންނަށް ވަގުތު ލިބި އަހަރެންގެ ފިރިމީހާގެ ފަރާތުން ނުލިބޭ ލޯތްބާ އަޅާލުން ލިބުނީމާ އަހަންނަށް ފުދޭ... އެކަމަކު މިކަމަކީ ސިއްރު ގުޅުމެއް... ފަބްލިކާ ހަމަޔަށް ގެނެސްގެން ނުވާނެ... އަހަރެން ހުންނާނީ އިކާންގެ ކާމިޔާބީގެ ފުރަގަހުގަ... މިގޮތް ކިހިނެއް ވާނީ... ވަރަށް ވިސްނާފަ ޖަވާބު ދޭނީ... މީގަ އިކާން ބޭނުމީ ފައިސާ... އަހަރެން ބޭނުމީ... ޔޫނޯ... ލޯބި.."

ދަޅު ތުނބުގައި ޖަހާ އެތިފޮދެއް ޒުމްރާ ބޯލިއިރު ވެސް އިކާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އިކާނަށް ޒުމްރާ ގޮވާލިއެވެ. ކަރު ކެހިލަމުން އިކާން އެކަމާ ވިސްނާލިއެވެ. އޭނާއަށް ކޮންމެވެސް ގޮތެއް ހޯދަން މަޖުބޫރެވެ. މިއަދު އިކާން ގޮސް ވަންނާނެ ތަނެއް ނެތެވެ. އިކާންގެ ހަޔާތުގައި މިވަގުތު ލޯބިވެރިޔަކު ވެސް ހުރީކީ ނޫނެވެ. އެހެންކަމުން މިކަމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ގަބޫލުކުރެވުނެވެ.

"އޯކޭ... އަހަރެން ތި ހުރިހާ ކަމަކަށް އެއްބަސް ވަން.. އެކަމަކު އަދި އެބައޮތް އެއް ކަންތައް... މިރޭ އަހަރެން ވަންނާނެ އެއްވެސް ތަނެއް ނެތް..."

"ތިކަމާ ހާސް ނުވޭ... އަހަރެން މެސެޖްކޮށްލާނަން ހޮޓަލްގެ ނަން... އަހަރެންގެ ބިޒްނަސް ކާޑް ގެންގޮސް ރިސެޕްޝަނަށް ހަވާލުކޮށްލީމަ ހުރިހާ ކަމެއް ހަމަޖެހޭނެ... އިކާނަށް އެހެން ގޮތެއް ފެންނަން ދެން ހޮޓަލްގަ އިކާންގެ ސްޓޭ ހަމަޖައްސައި ދޭނަން... އޯކޭތަ... އިތުރު ކަމެއް ބޭނުމަސް ބުނޭ... މިވަގުތު އިކާންގެ އަތުގަ ފައިސާއެއް ވެސް ނެތެއްނު... ކޮންމެވެސް ވަރަކަށް ފައިސާ ވެސް މިރޭ ހަމަޖައްސައި ދޭނަން..." ހަދަންވީ ގޮތް ކިޔައި ދިނުމަށްފަހު ސޯފާއިން ތެދުވެ އިކާނާ ދިމާއަށް ޒުމްރާ އަތް ދިއްކޮށްލިއެވެ. އިކާން ވެސް ސޯފާއިން ތެދުވަމުން ޒުމްރާގެ އަތުގައި ހިފާ ސަލާމްކޮށްލަމުން ބޯ ޖަހާލީ ހިނިތުންވަމުންނެވެ.

*** *** *** *** *** ***

ސިހިފައި އަތުގައި އޮތް ފައިލް އިކާން ލައްޕާލަމުން ސްޓޫޑިއޯގެ ދޮރާ ދިމާއަށް ބަލާލީ އެ ދޮރުގެ ތަޅުގައި މީހަކު ހިފާލިހެން ހީވުމުންނެވެ. ހަރު ތެރެއަށް ފައިލްލުމަށްފަހު ހަމަޖެހެން މަސައްކަތް ކުރަމުން ދޮރާ ދިމާއަށް އިކާން ބަލާލީ އެތެރެއަށް ވަތް ފިޒާމް ފެނުމުންނެވެ.

"ހެއި.. ކިހިނެއް ފޯނަށް ހަދައިގެން ތިއުޅެނީ އިކާނަށް ނުގުޅުނީމަ އެންމެފަހުން ތާރާގެ ނަންބަރަށް މިގުޅީ.. ތާރާ ބުނީ އިކާން ދިޔައީ ސްޓޫޑިއޯ އަށޭ..." މޭޒުމަތީ ހުރި ބަރުގައި އަތް ޖައްސާލަމުން ފިޒާމް ވާހަކަ ދެއްކިއެވެ.

ފިޒާމް ދެއްކި ވާހަކައަށް އިކާންގެ ފަރާތުން މާ ބޮޑު ޖަވާބެއް ނުލިބުމުން ފިޒާމަށް ކަމެއް ގޯސްވެއްޖެ ކަން ނަގައިގަނެވުނެވެ. "ތިގޮލާއަށް ކިހިނެއް ވެފަ ތިހުރީ... ކަމެއް ގޯސް ވީތަ؟... އިކާން... ޔޫ ނޯ ޔޫކޭން ޓެލް މީ އެނީތިންގް..." އިކާންގެ ކޮނޑުގައި ފިޒާމް ހިފާލުމުން އިކާން އިސް އުފުލާލީއެވެ. އަދި ފިޒާމާ ހަތަރުކަޅި ހަމަކޮށްލަމުން ފުން ނޭވާއެއް ބޭރު ކޮށްލިއެވެ. ކަންތައް ގޮސްފައިވާ ހިސާބު އިކާން ކިޔައިދެމުން ދިޔައިރު ފިޒާމްގެ ދެލޯ ބޮޑުވެގެންދިޔައެވެ.

"އަޅޭ... އެކަމަކު އިކާން... އަހަރެން ހީކުރީ އިކާން މެރީ ކުރުމަށްފަހު ޒުމްރާގެ ކަންތައް އެއްކޮށް ހުއްޓާލާނެ ކަމަށް... މެރީކޮށްގެން ހުރެ އޭނާ ކައިރިއަށް ދިޔައީ ކީއްކުރާކަށްތަ؟..." ފިޒާމް ކަންބޮޑުވެފައިވާ ކަން އިކާނަށް ފާހަގަވިއެވެ.

"އާން.. މަށަށް އެކަމެއް ނުހުއްޓުނު.. ދެން ވެނިމިފައިވާ ކަމަކީ ނުވާ ކަމަކަށް ވެސް ނުހެދޭނެ ދޯ.. އަހަރެން ދެން ބޭނުމެއް ނޫން ޒުމްރާ ކައިރިއަށް ދާކަށް.. އޭނަ އަހަންނަށް އޮޅުވާލީ.. އޭނާއަށް އެނގޭ އަހަރެން މެރީ ކުރީ ތާރާއާ ކަން... ދެން ވައި ޝީ ކޮންޓިނިއުޑް ދިސް... އަހަރެން ވިސްނަ ވިސްނާ ސިކުނޑި ސުމަކަށް ހިނގައްޖެ..." ސްޓޫޑިއޯ ތެރޭ ދެފަރާތަށް ހިނގަމުން އިކާން ވާހަކަ ދެއްކީ އުނަގަނޑުގައި އަތް ވިއްދައިގެން ހުރެއެވެ.

"އިކާން ބްރޭކް އަޕްވީމަ ޒުމްރާ ރިއެކްޓް ކުރީ ކިހިނެއް؟..." ފިޒާމް ކުރި ސުވާލުން އިކާންގެ ފިޔަވަޅު މަޑުޖެހުނެވެ. "ނޭނގެ.. އަހަރެން އެހެން ބުނެފަ ފޯނު ކަނޑާލީ.. ދެން އޭނަ ގުޅާފާނެތީ ފޯނު ވެސް ނިއްވާލީ.. އައި ޖަސްޓް ޑޯންޓް ވޯނަ ޓޯކް ޓު ހަރ.." އިކާން ވިސްނާލުމަށްފަހު ވާހަކަ ދެއްކިއެވެ.

"މުއްސަނދިންނަކީ ފާޑެއްގެ ބައެއް... އިކާން ވަރަށް ވިސްނަން ވާނެ... އިކާން މީހަކަށް ހަދައި ދިނީ ޒުމްރާ... ޒުމްރާ ބޭނުމިއްޔާ އިކާން ކުރިން ހުރި ސްޓޭޖަށް ވައްޓާ ލެވޭނެ ކަން ހަނދާން ބަހައްޓާތި... މަށަށް ކަޑައީ އިކާން މެރީކޮށްގެން ހުރެ ޒުމްރާ ކައިރިއަށް ދިޔައިމަ... ދެން ހިނގާ ކޮފީއަކަށް ދާން... ތި ވާހަކަ އަޑުއަހާފަ އަހަރެން ވެސް ބޮލުގަ ރިއްސައިފި... ވަރަށް ވިސްނައިގެން އުޅެން ވާނީ..." ސްޓޫޑިއޯ އިން ނިކުންނަން ދޮރާ ދިމާއަށް ފިޒާމް ހިނގައިގަތެވެ. މޭޒުމަތީ އޮތް ތަޅުދަނޑި ނަގައިގެން އިކާން އެ ސްޓޫޑިއޯ އިން ނިކުންނަމުން ބޮކިތައް ނިއްވާލުމަށްފަހު ދޮރުލައްޕާ ތަޅުލިއެވެ.

ޖީބުން ފޯނު ނަގާ އޮންކޮށްލީ ތާރާއަށް ގުޅާށެވެ. އިކާންގެ ފޯނު އޮން ވުމާއެކީ އެއަށް މެސެޖްތައް އަންނަން ފެށިއެވެ. އޭގެ ތެރޭގައި ފިޒާމާއި ތާރާއާއި ޒުމްރާ ގުޅަން މަސައްކަތްކޮށްފައިވާ ކަން އިކާނަށް އެނގުނެވެ. ފޯނުން ތާރާގެ ނަންބަރަށް އިކާން ގުޅާލީ ފިޒާމާ އެކީ ކޮފީއަށް ދާ ވާހަކަ ބުނާށެވެ. ފޯނު ރިންގް ވޭވޭ ގޮސް ކެނޑުނު އިރުވެސް ތާރާ އެ ފޯނަށް ޖަވާބެއް ނުދެއެވެ.

"އިކާން ހިނގާ ދާން... ނުދަނީތާ؟..." އިކާން ފޯނާ ކުޅެން ހުރިތަން ފެނުމުން ފިޒާމް އަހާލިއެވެ.

"ނޫނޭ.. ހިނގާ ދާން... ތާރާ ވެސް އެބަހުރި ވަރަށް ގުޅާފަ.. އެހެންވެ ތާރާއަށް މިގުޅަނީ..."

ކޮފީ ބޯން ތިބެ ދެ އެކުވެރިން ދައްކަމުން ދިޔައީ ދެން އިކާންގެ ރިލީޒް ކުރާ އަލްބަމްގެ ވާހަކައެވެ. އެ ލަވަތަކުގެ ވީޑިއޯ ކުޅެން އިކާނާ އެކީ އާތަރިންތަކެއް ހޯދަން މަސައްކަތް ފަށާފައިވާ ވާހަކަ ފިޒާމް ބުނެލިއެވެ. ސިނގިރޭޓަކު ފުލު ސިނގިރޭޓެއް ބޯލަބޯލަ އިން އިކާންގެ ސިކުނޑިއަށް ތުރާ ކުރަމުން ދިޔައީ ޒުމްރާގެ ހިޔާލުތަކެވެ. ފިޒާމް ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް އޭނާ ބޯޖަހާލި ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް އޭނާގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ސިހިފައި އިކާނަށް ބަލާލެވުނީ އިކާންގެ އަތުގައި ހިފާ ފިޒާމް ތަޅުވާލުމުންނެވެ.

"އޭ އިކާން.. ބަލަ ތި ފޯނު ނަގާބަލަ... އެ ގުޅަނީ ތާރާ ކަންނޭނގެ..." އިކާންގެ ފޯނުގެ ސްކްރީނަށް ބަލާލީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ. އެގުޅަނީ އިކާންގެ އަނބިމީހާއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އިކާން ހަލޯއޭ ބުނެލިއެވެ. އެވަގުތު ތާރާގެ އަޑު ޖެހުމުން ބޭއިޚްތިޔާރުގައި އިކާނަށް ގޮނޑިން ތެދުވެވުނެވެ. ވާހަކަ ނުދެއްކި ނަމަވެސް އިކާނަށް އެ އިވެނީ ތާރާ ގިސްލާ ރޯއަޑެވެ.

ރޮމުން ތާރާއަށް ވާހަކަ ދެއްކުނީ ވަރަށް ހާލުންނެވެ. މިހާރު މިދަނީ ކަމަށް ބުނެ ފޯނު ކަނޑާލަމުން ފިޒާމްގެ މޫނަށް އިކާން ބަލާލިއެވެ. "އަހަރެން ވަރަށް އަވަހަށް ދާން ޖެހިއްޖެ..." އިކާން ވާހަކަ ދައްކަން ފެށުމުން ފިޒާމް އަތުން އިޝާރާތް ކޮށްލަމުން ބުނެލިއެވެ. "ހެއި... އަހަރެން ބިލް ދައްކަފާނަން.. އިކާން ދޭ... މަށަށް ވާނުވާ އަންގައްޗޭ..."

ހޮސްޕިޓަލް ކައިރިއަށް ކާރު މަޑުކޮށްލުމުން ޑްރައިވަރ ގާތު ނިމުނީމަ ގުޅާނަން ކަމަށް ބުނުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަދެ ލިފްޓާ ދިމާއަށް އިކާން މިސްރާބުޖެހީ ތާރާ ބުނި ޕްރައިވެޓް ކޮޓަރިއަށް ދާށެވެ. ލިފްޓް ތެރޭގައި ހުންނަން ޖެހުނު ވަގުތު ކޮޅުވެސް އިކާނަށް ހުރެވުނީ ލަސްވެފައެވެ. ކޮޓަރިތަކާ ދިމާއަށް ދާން ފިޔަވަޅު އަވަސްކޮށްލަމުން ތާރާ ބުނި ނަންބަރަށް ސަމާލުކަންދެމުން ކޮޓަރި ބަރީގައިވާ ދޮރުތަަކަށް ނަޒަރު ހިންގާލެވުނެވެ.

ރޫމް 605 ގެ ދޮރު އިކާން ހުޅުވާލަމުން އެތެރެއަށް ބަލާލީ ތާރާ ފެންނަން ހުރިތޯއެވެ. ދޮރު ހުޅުވުނު އަޑަށް އެނދުކައިރީ ހުރި ތާރާ ފަސް އެނބުރި ދޮރާ ދިމާއަށް ބަލާލިއެވެ. ދޮރުން އެތެރެއަށް ވަތް އިކާން ފެނުމުން އިކާންގެ ގައިގާ ތާރާ ބައްދާލި އިރު އެ ލޮލުން ފޭބި ހޫނު ކަރުނައިން އިކާންގެ ގަމީސް ތެއްމާލިއެވެ.

ތާރާގެ ބުރަކަށީގައި ފިރުމާލަމުން އިކާން ބަލާލީ އެނދުމަތިކޮށްފައި އޮތް ޒުމްރާއަށެވެ. އައިވީއެއް އޭނާގެ އަތަށް ގުޅާފައި އޮތް އިރު އޭނާގެ ދެލޯވަނީ މެރިފައެވެ.

"ކިހިނެއްވީ؟..." ޒުމްރާ އެނދުމަތިކޮށްފައި އޮތްތަން ފެނުމުން އިކާން ހައިރާންވެ ހުރެ ސުވާލުކޮށްލީ ތާރާގެ ދެކޮނޑުގައި ހިފާ ދުރަށް ޖައްސާލަމުންނެވެ.

"ނޭނގެ.. އެގޭގަ އުޅޭ ޝާރުދާ އަހަންނަށް ގުޅާފަ ބުނީ ދައްތަ ޕޫލް ކައިރިއަށް ވެއްޓިފަ އެބަ އޮތޭ... ހޭނާރައިގެން ހޮސްޕިޓަލަށް ގެނައީ... އަހަރެން އިކާނަށް ވަރަށް ގުޅިން.. ތި ފޯނު އޮތީ ނިއްވާލާފަ... ދެން ދައްތަ ކައިރީ އިތުރު މީހަކު ނުހުންނާނެކަން އިނގޭތީ އަހަރެން އެކަނި ހޮސްޕިޓަލަށް މިއައީ... އަޅެ ދައްތައަށް ކިހިނެއްބާ އެވީ؟..." ތާރާ އަވަސްއަވަސްކޮށް ހުރިހާ ވާހަކައެއް އިކާނާ ހިއްސާ ކުރަމުން ދިޔައިރު އޭނާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

"ނޭނގެ ދޯ.. ޑޮކްޓަރުން ކީކޭތަ ބުނީ؟... ބޭބެއަށް ގުޅައިފިންތަ؟..." އިކާން ހާސްވެ ކަންބޮޑުވަމުން ދިޔައީ ޒުމްރާ އާއި އިކާނާ ދެމެދުގައި ވާ ގުޅުން ތާރާއަށް އެނގިދާނެތީއެވެ.

"އަޅެ.. ބޭބެއަށް ވެސް ގުޅާއިފިން... މަންމަގެ ނަންބަރަށާ އަޒްކާ ނަންބަރަށް ވެސް... އެކަކުވެސް ފޯނެއް ނުނަގާ... އައިމް ސްކެއަރޑް..." ތާރާ ވާހަކަ ދެއްކީ އިކާންގެ އަތުގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުންނެވެ. ތާރާގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައިވާކަން އިކާނަށް އެނގުމުން އިކާން ތާރާގެ އަތުގައި ހިފަހައްޓާލަމުން ހިތްވަރުކުރަން އެދުނެވެ.

"އޯ... އެ ގުޅަނީ ބޭބެ... އަހަރެން އެބަ އަންނަން.. އިކާން މިތާ މަޑުކޮށްލަ ދީބަލަ.." ތާރާގެ ފޯނު ރިންގްވާން ފެށުމުން އެ އަންނަނީ އާތިފްގެ ކޯލެއް ކަމަށް ބުނެ ތާރާ އެ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ދޮރު ލެއްޕުމުން އިކާނަށް ބަލާލެވުނީ އެނދުގައި ނިދާފައި އޮތް ޒުމްރާގެ މޫނަށެވެ. މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން އައިސް އެނދުގެ ކައިރިއަށް ހުއްޓުނު އިރުވެސް އިކާންގެ ކަޅި ޒުމްރާގެ މޫނުން ވަކިވެގެން ނުދެއެވެ. ޒުމްރާގެ ލޮލުގައި އަޅާފައިވާ އަނދުންތައް ލޯ ކައިރިއަށް ފޭދިފައި ވާއިރު އޭނާގެ މޫނުމަތި ވަނީ ފޮއްސިވެފައެވެ.

- ނުނިމޭ -