"އިކާން... އާ އެނގިއްޖެ... ކީކޭ... ކޮންކަމަކު؟..." ޒުމްރާ މަޑުމަޑުން ވާހަކަ ދައްކަމުން ދުރުގައި ތިބި އޭނާގެ އެކުވެރިންތަކާ ދިމާއަށް ބަލާލީ އެއިން މީހަކަށް އޭނާ ބުނިއެއްޗެއް އަޑު އިވެން ބޭނުންނުވާތީއެވެ.
"އަހަރެން... އަ... އަޅުގަނޑު ޒުމްރާ ދެއްވި ޗެކަށް ފައިސާއެއް ނުނަގަން... އަސްލު އަޅުގަނޑު ޒުމްރާއާ ދޭތެރޭ ނުބައި ނަޒަރަކުން ދެކިގެން ކުރިކަމެއް ނޫން އެއީ... އަޅުގަނޑަށް މާ ފަހުން އެނގުނީ ތީ އެ ރިސޯޓްގެ އޯނަރ ކަންވެސް... އަޅުގަނޑު އަސްލު މި ގުޅާލީ އަޅުގަނޑު ކުޑަ ބިޒްނަސް ވާހަކައެއް ދައްކާލަން... ޒުމްރާގެ ފަރާތުން ހެލްޕެއް ބޭނުންވާތީވެ..." އިކާން އޭނާ ބޭނުންވާ ވާހަކަތައް ދައްކާ ނިންމާލުމަށްފަހު މަޑުޖެހިލީ ޒުމްރާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
ބަހެއް ނުބުނެ ޒުމްރާ ކުޑަ ވަގުތު ކޮޅަކު ހުރުމުން އިކާނަށް އުނދަގޫ ވިއެވެ. ފޯނު ކެނޑުނީ ކަމަށް ހީކޮށް ކަންފަތުން ފޯނު ދުރުކޮށްލުމަށްފަހު ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އަނެއްކާ އަނބުރާ ފޯނު ކަންފަތުގައި ޖަހާލަމުން އިކާން ހަލޯ އޭ ބުނެލިއެވެ.
"ހިނގާ މީޓް ކޮށްލަން... އަހަރެން މެސެޖްކޮށްލާނަން ދާން ވީތަން... ސީ ޔޫ ދެއަރ..." ޒުމްރާގެ ފަރާތުން ލިބުނު ޖަވާބުން އިކާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ފޯނު ޖީބަށް ލުމަށްފަހު ގޭތެރެއަށް ވަދެ ބަދިގެއާ ދިމާއަށް އިކާން މިސްރާބުޖެހީ ބަނޑުހައިވެފައި ހުރުމުންނެވެ. ކާމޭޒު ދޮށުގައި ހުރި ގޮނޑި ދަމާލާފައި އިށީނުމަށްފަހު މޭޒުމަތީ ހުރި ރޮށިތަށި މަތި ހުޅުވާލާ ތިންވަރަކަށް ރޮށި ނަގާ ތައްޓެއްގެ ތެރެއަށް ފުނޑުކުރަން ފެށިއެވެ. އޭރު ބަދިގޭ ސިންކު ދޮށުގައި ލީޒާ ހުރީ ތެލިތަކާ ތަށިތައް ދޮންނާށެވެ.
ދޮންނަމުން ދިޔަ ތެލިތައް ބާރުބާރަށް ސިންކު މަތީ ބަހައްޓަމުން ދިޔައިރު ލީޒާ ހުރީ އަދިވެސް ހިތްހަމަނުޖެހިފައި ކަން އިކާނަށް އެނގުނެވެ. ރޮށި ފުނޑުކޮށް ނިންމާލުމަށްފަހު މޭޒުމަތީ ހުރި ބޯތަށިން ރިހަކޮޅެއް އޭނާގެ ތައްޓަށް އަޅަމުން އިކާން ވާހަކަ ދައްކަން އަނގަ ހުޅުވާލީ ކޮޓަރިން ނިކުތް ފިޒާމް ފެނުމުންނެވެ.
"ފިޒާމް... ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރެންނަށް މަހެއް ހާ ދުވަހު މިގޭގަ ހުރެވޭނެ ގޮތް ހަމަޖައްސައި ދިނީތީ... ފިޒާމް ތިކޮށްދިން ކަންތައް އަހަރެން ދުވަހަކު ވެސް ހަނދާން ނައްތާނުލާނަން... ކާކު މިއޮއްފަދަ ޒަމާނުގަ އަހަރެން ކަހަލަ މީހަކަށް އެހީ ވާނީ...." ސަމްސާތައް އަޅުވާފައި ހުރި ހަރުން އުލަކާ ސަމްސަލެއް ނެގުމަށްފަހު ތަށީގައިވާ ރޮއްޓާ ރިހައާ އެއްކޮށްލަމުން އިކާން ވާހަކަ ދެއްކިއެވެ.
"އިކާނަކީ އަހަރެންގެ ބެސްޓް ބަޑީ.. އިކާނަށް އަހަރެން ހެލްޕް ވާނެއްނު.. ތިދެން ދައްކާ ކަހަލަ ވާހަކަތަ؟..." ލައިގެން ހުރި ގަމީހުގެ އަތުކުރި އޮޅަމުން އައިސް މޭޒުކައިރީ ހުރި ހުސްގޮނޑިއެއް ދަމާލާ، އިށީންނަމުން ސިންކު ކައިރީ ހުރި ލީޒާއާ ދިމާއަށް ފިޒާމް ބަލާލިއެވެ. އޭރުވެސް ލީޒާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ ކުލަތަކެވެ. ދެލޯ އަޅާލުމަށްފަހު ތުންގަނޑު ވިކާލަމުން އިކާނާ ދިމާއަށް އޭނާ ބަލާލި ގޮތް ފިޒާމަށް ރަނގަޅަށް ވެސް ފެނުނެވެ. ތަށިތަކާ ތެލިތައް ދޮވެ ނިންމާލުމަށްފަހު ތުވާލިކޮޅުން އަތް ފޮހެލަމުން ކާމޭޒު ކައިރީ ތިބި ފިޒާމާއި އިކާނާ ދިމާއަށް ލީޒާ ބަލާލިއެވެ. ކޮޓަރިއަށް ލީޒާ ވަންނަންދެން އިކާން ބަހެއް ނުބުނެ އިނެވެ.
"އަހަރެން މާދަމާ... ނޯ... މިރޭ ދާން ކަމަށް މިއުޅެނީ..." ކޮަޓަރީގެ ދޮރު ލީޒާ ލައްޕާލި އަޑަށް އިކާން ވާހަކަ ދައްކަން ފެށިއެވެ.
"ކީކޭ... އިކާން.. އަނެއްކާ ތިދަނީ ކަމަކާ ހިތްހަމަނުޖެހިގެންތަ؟... އަދި އިކާނަށް ޖޮބެއް ވެސް ހަމަޖެހުނީކީ ނޫން... ވަޒީފާއަށް ކުރިމަތިލާން އެޕްލައި ކުރި އެއްވެސް ތަނަކުން އަދި އިންޓަވިއުއަކަށް ވެސް ނުގުޅާ... ދެން ކީއްވެ ދާ ވާހަކަ ތި ދައްކަނީ..." މޭޒުމަތީ ދެއަތް އަޅުވާލާ ކުރިއަށް ޖެހެމުން ފިޒާމް ވާހަކަ ދެއްކީ ވާނުވާ ނޭނގޭތީއެވެ.
"ހެހެ... އަހަރެން ގޮތެއް އެބަ ހަމަޖައްސަން.. މެޑަމް ޒުމްރާއަށް ގުޅައިފިން.. އޭނަ އަހަންނާ މީޓް ކުރާނަމޭ ބުނީ... އަހަރެން ކޮންމެވެސް ގޮތެއް ހޯދާނަން... މި ވިސްނަނީ އޭނަގެ ރިސޯޓަކުން ވިޔަސް ޖޮބެއް ދީބަލާށޭ ބުނަން... އަހަންނަށް ވަރަށް ހީވޭ އޭނަ އަހަންނަށް އެހީވާނެހެން... ލެޓްސް ސީ..." އިކާންގެ ނިންމުން ހާމަކުރުމުން ފިޒާމް ބޯ ޖަހާލިއެވެ.
*** *** *** *** *** ***
"ޒުމްރާ... ކާކާތަ ތި ވާހަކަ ދެއްކީ.. މޫޑު ޚަރާބުވެފަ ތިހުރީ އެފޯނަށް ވާހަކަ ދެއްކިފަހުން... ކާކުތަ އެއީ؟..." ކޯކު ފުޅި ކަނޑާލަމުން ޝީރީން ވާހަކަ ދެއްކީ ޒުމްރާގެ ފަރާތުން ދެންމެ ފެނުނު ސިޔާސަ ގޮތްގަނޑު ކެނޑުމުންނެވެ.
"ދެންމެ އަހަރެން މި ގުޅީ އާތިފަށް... މި ވީކެންޑްގަ ޗައިނާއަށް ދާން ޓިކެޓް ހަމަޖައްސަން..." ފުން ނޭވާއެއް ބޭރުކޮށްލަމުން ޒުމްރާ ވާހަކަ ދެއްކުމަށްފަހު ގޮނޑީގައި ލެނގިލިއެވެ.
"އޭޒް ޔޫޝުއަލް ތަހުމީނާ ބަލިވެ އުޅޭތީ ނުދެވޭނޭ ދޯ ބުނީ..." ޒުމްރާ އިތުރު އެއްޗެއް ނުބުނެ މައްޗަށް ބަލަން އޮތުމުން ޝީރީން ބާކީ ބައި ފުރިހަމަ ކޮށްލަމުން ކޯކް ފޮދެއް ބޯލިއެވެ. ބަހެއް ނުބުނެ ޒުމްރާ އޮތީ އެކަމާ ބެހޭ ގޮތުން އިތުރު އެއްޗެއް ބުނަން އޭނާ ބޭނުން ނުވާތީއެވެ.
"ޒުމްރާ ތިހުރީ ރަނގަޅަށް އާތިފްގެ މަޅީގައި ޖެހި ފިތިފަ... ކައިވެނި ކުރިގޮތަށް އާތިފަށް ބިޒްނަސްގެ ޝެއަރދީ އޭނާއަށް ހުރިހާ ބާރެއް ދީފަ.. މާދަމާ ވަރި ވިޔަސް ޒުމް ވާނީ ފަގީރަކަށް... އެއްވެސް އެއްޗެއް ނެތް މީހަކަށް... ނިކަން ދެންވެސް އަހަރެން ބުނާ ގޮތެއް ހަދާބަލަ... ކުރިންވެސް އަހަރެމެން ދެއްކި ވާހަކަ އަޑުއެހިނަމަ މިހެން ނުވީސް..." ޝީރީން ދައްކަމުން ދިޔަ ވާހަކަތަކަށް ޒުމްރާގެ ސަމާލުކަން ހުއްޓުނެވެ. އޭނާ ބޭނުންވީ މި ކަމަށް ރަނގަޅު ހައްލެއް ހޯދާށެވެ.
"ޒުމް.. ބުނީމެއްނު ރިސޯޓުން ބިޓެއް ކައިރިއަށް ދިޔަ ވާހަކަ.. އެކަހަލަ ކިތަންމެ ކުދިންނެއް އުޅޭނެ.. އެމީހުން ބޭނުންވާނީ ފައިސާ... ޒުމްރާ އަތުގަ ފައިސާ އެބަހުރި.. ސޯ އާތިފްގެ ފަރާތުން ނުލިބޭ އުފަލާ އަރާމު ހޯދަން އެއީ އެންމެ ރަނގަޅު ގޮތް... ވިސްނިއްޖެ ދޯ މި ބުނި އެއްޗެއް... މި ބުނީ މަނީ ޓޯކްސް... އެންޑް މަނީ ކޭން ބައި އެނީތިންގް..."
ޝީރީން ދައްކަމުން ދިޔަ ވާހަކަތަކަށް ވިސްނަން އިން ޒުމްރާގެ ހަނދާނަށް އައީ މީގެ ކުޑަ އިރުކޮޅެއް ކުރިން އިކާނާ ދެކެވުނު ވާހަކައެވެ. އިކާން ގުޅި ނަންބަރަށް އޭނާ މެސެޖެެއް ފޮނުވާލުމަށްފަހު ގޮނޑިން ތެދުވަމުން ވަރަށް އަވަހަށް ތަނަކަށް ދާން ޖެހޭ ކަމަށް ބުނެ ޝީރީންމެން ގެއިން ނިކުތުމަށް ޒުމްރާ އަވަސްވެގަތެވެ.
*** *** *** *** *** ***
އިކާނަށް ލިބުނު މެސެޖްގައިވާ އެޑްރެހަށް އިކާން ގޮސް މަޑުކޮށްލިއެވެ. އޭނާއަށް މިއާދެވުނީ ޒުމްރާގެ ގެއަށް ކަން އެނގުނީ ބޭރުގައި ހުރި ސެކިއުރިޓީ މީހާ ގާތު ޒުމްރާ ބުނެގެން އައި ވާހަކަ ބުނެލުމުންނެވެ.
"އިކާން ތޯ؟... މެޑަމް ވިދާޅުވި އިކާން ދުރުވާނެ ވާހަކަ... ސެކަންޑް ފްލޯއަށް ދުރުވޭ... މެޑަމް ހުންނެވީ އިކާންގެ އިންތިޒާރުގަ... މިހުރީ ލިފްޓް..." އެތެރެއަށް ވަދެގެން ދިޔަ އިރު އެގޭތެރެއިން ފެންނަމުން ދިޔަ ޝާހީ ކުރެހުންތަކާ ފަރުމާކުރުންތަކަށް ބަލަން އިކާނަށް ހުރެވުނެވެ. ދެވަނަ ބުރިއަށް ދެވުމުން އެބައިގާ ވާ ރަނގަބީލަށް އިކާން ފިއްތާލުމަށްފަހު ހަމަޖެހެން މަސައްކަތް ކުރަމުން ޒުމްރާއާ ދައްކަން ނިންމާފައިވާ ވާހަކަ ހަނދާންކޮށްލިއެވެ.
ދޮރު ހުޅުވާލަމުން ޒުމްރާ ހިނިތުންވެލިއެވެ. ދޮރު ތަންމިނަށް ހުޅުވާލަމުން އެތެރެއަށް ވަންނަން ޒުމްރާ އިޝާރާތްކޮށްލުމުން އިކާން އެތެރެއަށް ވަންނަމުން ވަށައިގެންވާ މާހައުލަށް ބަލާލިއެވެ. ހީވާ ހީވުމުން އެއީ ލައިބްރަރީއެއް ކަހަލަ ތަނެކެވެ. ވަށައިގެން ބަހައްޓާފައިވާ ހަރުތަކުގައި ވަނީ އެކި ކަހަލަ ފޮތްފޮތެވެ. އެކިވަރުވަރުގެ މާ ޓުކުރިތަކާ ރީތި ޑިޒައިންތަކަށް ހަދާފައިވާ ސާމާނުތަކުން ފުރާލައިފާވާ އިރު އެތަން ވަރަށް ހިތްގައިމެވެ.
އެއްފަރާތެއްގައި އަށް ގޮނޑީގެ ބޮޑުމޭޒެއް ހުރި އިރު އަނެއް ފަރާތުން ކަނަކަށް ވާގޮތަށް ވަށްކޮށް ބޮޑު ސޯފާއެއް ހުއްޓެވެ. ޒުމްރާ މިސްރާބުޖެހީ އެ ހުދު ސޯފާއާ ދިމާއަށެވެ. ޒުމްރާގެ ފަހަތުން އައިސް ސޯފާގައި އިށީންނަމުން އިކާން ހަމަޖެހެން މަސައްކަތް ކުރިއެވެ.
"އިކާން.. ކިހިނެއްތަ؟ ވަރަށް ދުވަސްކޮށްފަ ދޯ މި ދިމާވީ... ކިހިނެއްވީ ބޯ ކޮށާލީ.. އަސްލު މިހާރު މާ ސަޅި..." އިކާނާ ދިމާއަށް ޒުމްރާ ބަލާލަމުން ވާހަކަ ދެއްކިއެވެ.
"ބޯ ދޯ... އެއީ ދެން ޖޮބަކަށް ދާން ކަމަށް ކޮށާލީ..." އިކާންގެ ޖަވާބަށްފަހު އެދެމެދުގައި ހަމަހިމޭން ވަގުތުކޮޅެއް ދިޔައެވެ. އިކާން އިނީ ވާހަކަ ފައްޓާނެ ގޮތެއް ނޭނގިފައެވެ.
"ދެން ކިޔާބަލަ... ކޮން ވާހަކައެއް ދައްކަން އަހަންނަށް ގުޅީ؟... ކިހިނެއް ނަންބަރ ހޯދީ؟..." ސޯފާއިން ތެދުވެ ޒުމްރާ ގާތްވެލީ ދުރުގައި ހުރި ފްރިޖާ ދިމާއަށެވެ. ފްރިޖްތެރެއިން ދެ ދަޅު ހިފައިގެން އައިސް އިކާން އަތަށް ދަޅެއް ދިނުމަށްފަހު ސޯފާގައި އިށީނދެ އެއްފައި މައްޗަށް އަނެއްފައި އަރުވާލަމުން ޒުމްރާ ހަމަޖެހިލިއެވެ.
"އަހަރެން... އަޅުގަނޑަށް ޒުމްރާގެ ރިސޯޓުގަ ލަވަ ކިޔަން... އެކަހަލަ ވަޒީފާއެއް ލިބޭނެ ގޮތެއް ވާނެތޯ... އަސްލު މިހާރު މިއުޅެނީ ވަރަށް ޑެބިޓްވެގެން... ހުންނާނެ ތަނެއްވެސް ނެތް... ޒުމްރާ ހަމަޖައްސައި ދެއްވާ ކޮންމެ ވަޒީފާއަކަށް ވެސް ދާން މި ހުރީ ތައްޔާރަށް..." އިކާންގެ ނިންމުން ހާމަކުރުމުން ޒުމްރާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.
"ހުމް... އިކާން ބޭނުމިއްޔާ އަހަރެންނަށް ވަރަށް ރަނގަޅު އޮފާއެއް ދެވިދާނެ.. އިކާން އަސްލު ކޮން ރަށެއްތަ؟.." ސޯފާގައި ލެނގިލަމުން ޒުމްރާ ސުވާލުކޮށްލީ އޭނާގެ އެކުވެރިޔާ ބުނި ކަހަލަ މަޅިއެއްގައި އިކާން ޖައްސާށެވެ.
"އަހަރެން މާލެ..." އިސްޖަހާލަމުން މާލެ މީހެއް ކަމަށް އިކާން ބުނީ ލަދުން އިނދެއެވެ. މާލެ މީހަކަށް ވެހުރެ ވަންނާނެ ތަނެއް ނެތި ހާލުގަ ޖެހިފައިވާ މީހެއް ކަން ހާމަކުރަން ޖެހުމުން އިކާން ލަދުގަތީއެވެ.
"އެހެންވެއްޖިއްޔާ އަދި އަހަރެންގެ އޮފަރ ވަރަށް ސަޅި ކޮށްލެވިދާނެ... އަމިއްލަ ބިޒްނަސްއެއް ފައްޓަން ބޭނުންވާ ވަރަށް އަހަރެން ފައިސާ ވެސް ދީފާނަން.. އިކާން ބޭނުން ވަނީ ލަވަ ކިޔުންތެރިކަށް ވާކަށްނު..، އެކަންވެސް ވެދާނެ..." އިކާނަށްޓަކައި ޒުމްރާ ކޮށްދޭން ނިންމާފައި ހުރި ކަންތައް ހާމަކުރުމުން އިކާނަށް ހައިރާންކަމެއް ލިބުނެވެ.
ޒުމްރާގެ ފަރާތުން އެފަދަ އެހީތެރިކަމެއް ލިބިއްޖެ ނަމަ އާއިލާއިން އޭނާއަކީ މީހެއް ކަމުގައި ބަލައި ގަންނާނެއެވެ. އިކާންގެ ލޯބީގައި ކޮޅުފައިން ޖަހާފައި ދިޔަ ޒިވީއަށް އިކާން ދޫކޮށްލެވުނު މޮޔައޭ ހިތަށް އަރާނެއެވެ. އިކާނަށް މަޝްހޫރު މީހަކަށް ވެވިދާނެއެވެ. މި ހިޔާލުތަކަށް ގެއްލިފައި ވަނިކޮށް އިކާނަށް ހަމަ ބިމަށް އާދެވުނީ އަނެއްކާވެސް ޒުމްރާ ވާހަކަ ދައްކަން ފެށުމުންނެވެ.
"އެކަމަކު އޭގެ ބަދަލުގައި އަހަރެން އިކާންގެ ފަރާތުން ބޭނުންވާ ކަމެއް އެބައޮތް..." ޒުމްރާގެ އަތުގައިވާ ދަޅު ކަނޑާލަމުން އޭނާ ބުނި ޖުމްލައިން އިކާންގެ ނަޒަރު ގޮސް ހުއްޓުނީ ސީދާ ޒުމްރާގެ މޫނަށެވެ. "ކޮން ކަމެއް؟..."
- ނުނިމޭ -