ފަގީރުންގެ ދަފްތަރުގައި ހިމެނޭ އެންމެންނަށް އެއް ހަމައަކުން ފިތުރު ޒަކާތް ބަހާ ގޮތަށް ހަމަޖައްސައިފިއެވެ.

އެކަން އިއުލާންކޮށް ޝަހީމް ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1446 ވަނަ އަހަރު ފިތުރު ޒަކާތް ބަހަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމަށާއި މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ އިޖްތިމާއީ އަދާލަތު ގާއިމުކުރުމުގެ އިތުރުން އެއް ހަމައަކުން ޒަކާތް ބެހުން ކަމަށެވެ.

"މިގޮތުން ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިތުރު ޒަކާތް ލިބޭނެ" ޝަހީމް ހިއްސާ ކުރެއްވި ޕޯސްޓުގައި ވެއެވެ.

މީގެ ކުރިން، ޒަކާތް ބަހަމުން ދިޔައީ އެ ރަށަކުން ލިބޭ އެއްޗެއް، އެ ރަށެއްގެ ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށެވެ. އަދި މިއީ ދިވެހި ތާރީހުގައި ވެސް މިފަދަ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރު ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ފިތުރުގެ ޒަކާތުގެ ގޮތުގައި މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާއިރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް މާލޭ ސިޓީގައި ބެހުމުގެ މަސައްކަތް މި ހަފުތާ ބަންދުގައި ކުރިއަށްގެންދާނެ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

އަދި އެ ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ އިސްކަންދަރު ސްކޫލުގައި ކަމަށާއި ހުކުރު ދުވަހު 14:00އިން 16:30އަށް އަދި 21:30އިން 23:00އަށް އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު 10:00އިން 12:00އަށް އަދި 13:00އިން 15:00އަށް ވެސް ގޮވާމުގެ ބާވަތްތައް ބަހާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް 6 ޕްލެޓްފޯމަކުން އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމްތައްވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި އުރީދޫ އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް އަދި ފަހިޕޭ އެޕްލިކޭޝަން ހިމެނެއެވެ.

ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު ޒަކާތު ހައުސްއިން އިން ބުނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާހަމަ އަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ.